ބ. ގޮއިދޫގައި ކެންސަރު ބަލި ގިނަވާތީ އެ ރަށުގެ ދަނޑުތަކުގައި ބޭނުންކުރާ ޕެސްޓިސައިޑްސްގެ ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށް އެގްރިކަލްޗަ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި އޭނަ ވިދާޅުވީ އެ ރަށުގައި ކެންސަރު ބަލި ޖެހޭ މީހުން އިތުރު ވަނީ ޕެސްޓިސައިޓްގެ ސަބަބުންތޯ ބަލަމުން އަންނަ ކަމަށެވެ. ގޮއިދު އަކީ ފުޅާ ދާއިރާއެެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށެކެވެ.
މާރިޔާ ވިދާޅުވީ ދިރާސާތައް ކުރިއަށް ގެންދަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ން ކަމަށާއި އެ އިދާރާއަށް އެގްރިކަލްޗާ މިނިސްޓްރީން އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ޕޮލިސީ ތަންފީޒުވެގެން ދާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ." އޭނަ ވިދާޅުވި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއި) އިން ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން، ކެންސަރުގެ ދަފްތަރުގައި މިހާރު މިހާތަނަށް ޖުމްލަ 1،964 މީހުން އެބަތިއްބެވެ. މިއީ އަހަރެއްގެ ތެރޭގައި 347 މީހުންގެ އިތުރުވުމެކެވެ.
ކެންސަރު ދަފްތަރުގެ 57 ޕަސެންޓަކީ އަންހެނުންނެވެ. އެ ދަފްތަރަށް ބަލާއިރު، ފިރިހެނުންގެ ތެރޭގައި އެންމެ ގިނައީ ފުއްޕާމޭ، ޕްރޮސްޓޭޓް، ކޮލޮރެކްޓަލް އަދި ބަނޑާއި ފުރަމޭގެ ކެންސަރެވެ. އަންހެނުންގެ ތެރޭގައި އެންމެ ގިނައީ އުރަމަތި، ކޮލޮރެކްޓަލް، ފުއްޕާމޭ، ރަހިމުގެ ދޮރަށްޖެހޭ އަދި ތައިރޮއިޑް ކެންސަރެވެ.