Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

މި އަހަރު 7 ރިސޯޓެއް އަލަށް ހުޅުވާނެ

މި އަހަރު ރާއްޖޭގައި އަލަށް 7 ރިސޯޓް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ އަލަށް މި އަހަރު ހުޅުވަން ހަމަޖެހިފައިވާ 7 ރިސޯޓުން ރާއްޖޭގެ ބެޑް ކެޕޭސިޓީ އަށް އިތުރު 1،000 އެނދު އިތުރުވާނެ ކަމަށެވެ.

ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި 914 ގެސްޓްހައުސް އާއި 170 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ އަންނަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ހުރި އެނދުގެ އަދަދަކީ މިހާރު 67،047 އެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ޓޫރިޒަމަށް 31 ތަނެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ.
އެގޮތުން ރިސޯޓް މަދު ހަ އަތޮޅަކަށް އަމާޒުކޮށްގެން ޓޫރިޒަމް ފުޅާކުރުމަށް ލުއިތަކެއް ދީފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މި ސަރުކާރު އައި ފަހުން ކްލޯޒް ބިޑިންގެ ދަށުން ފަތުރުވެރިކަމަށް ސޯޅަ ތަނެއް މިހާރު ވަނީ ކުއްޔަށް ދޫކުރެވިފައި. ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރިކަމަށް އެގާރަ ތަނެއް ވަނީ ކުއްޔަށް ދޫކުރެވިފައި،" ތޯރިގް ވިދާޅުވި އެވެ. "އަދި އޯޕަން ބިޑިންގެ ދަށުން 4 ތަނެއް ވަނީ ކުއްޔަށް ދޫކުރެވިފައި."

މީގެ އިތުރުން ހަލާލް ޓޫރިޒަމް ކޮންސެޕްޓްގެ ދަށުން ހާއްސަކުރި ހަ ޕްރޮޖެކްޓްގެ ތެރެއިން އިއުލާންކޮށް އެއް ޕްރޮޖެކްޓް މިހާރު ކުއްޔަށް ދޫކޮށްފައިވާ ކަމަށް ވެސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.