ރިލީޒް ކުރަން ވަރަށް ބޮޑަށް ކުޑަތަންވެފައި ވަނިކޮށް އިންޑިއާގެ ފިލްމު "ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް" ސިނަމާތަކަށް ދޫކޮށްލުން ފަސްކޮށްފި އެވެ.
މި ފިލްމުގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝް ބަތަލުގެ ރޯލު ކުޅެފައިވާ ފިލްމު ރިލީޒް ކުރަން އެންމެ ފަހުން ނިންމި ތާރީހު ކަމަށްވާ މި މަހުގެ 19 ގައި ފިލްމު ރިލީޒް ނުކުރާނެ ކަމަށެވެ. އަދި ފިލްމުގެ އާ ތާރީހެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައި ވަނީ މި އަހަރުގެ ޖޫން 4 ގަ އެވެ.
"ޓޮކްސިކް" ގެ ޓީމުން ބުނި ގޮތުގައި ފިލްމު ފަސްކުރަން ނިންމި ސަބަބަކީ މި ފިލްމަކީ އިންޓަނޭޝަނަލް މާކެޓަށް ވެސް ވަރަށް ބޮޑަށް ހާއްސަކޮށްގެން ހަދާފައިވާ ފިލްމަކަށްވެފައި، މެދުއިރުމަތީގައި މިހާރު ހަމަނުޖެހުންތަކާ ގުޅިގެން މި ދަނޑިވަޅުގައި ފިލްމު ރިލީޒްކޮށްފި ނަމަ، ފިލްމުގެ ވިޔަފާރި އަށް ވަރަށް ބޮޑު އަސަރެއްކޮށްފާނެތީ ކަމަށެވެ.
އެހެންވެ ފިލްމު ފަސްކުރީ މަސްލަހަތު ހުރި ފަރާތްތަކުގެ ލަފަ އާއި މަޝްވަރާގެ މަތިން ކަމަށް ވެސް "ޓޮކްސިކް" އުފެއްދި ކޭވީއެން ޕްރޮޑަކްޝަންސް އާއި މޯންސްޓާ މައިންޑް ކްރިއޭޝަންސް އިން ބުންޏެވެ.
މި ފިލްމު އަހަރުގެ މެދުތެރެއަށް ފަސްކުރި އިރު، އިންޑިއާގެ މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ ބޮލީވުޑްގެ ފިލްމު "ދުރަންދުރަ" ގެ ދެވަނަ ބައި އޮތީ މި މަހުގެ 19 އަށް ތާވަލުކޮށްފަ އެވެ. އެހެންވެ ކުރިން ވެސް ލަފާކުރެވުނީ ދެ ފިލްމުން ކުރެ ކޮންމެވެސް އެއް ފިލްމެއްގެ ތާރީހު ބަދަލު ކުރާނެ ކަމަށެވެ.
"ޓޮކްސިކް" އަކީ ވަރަށް ބޮޑު ބަޖެޓަކުން ހަދައި، ވަރަށް ބޮޑެތި އުންމީދުތަކެއް ކުރެވޭ މި ފިލްމެކެވެ.
ޖުމްލަ 600 ކްރޯޑް ރުޕީސް (66 މިލިއަން ޑޮލަރު) އިން ހަދާފައިވާ މި ޕީރިއަޑް ގޭންސްޓާ ފިލްމަކީ ގީތޫ މޯހަންދާސްގެ ޑައިރެކްޝަނެކެވެ. "ޓޮކްސިކް" އަކީ ބޮލީވުޑާއި ދެކުނުގެ މަސްހުނި ކާސްޓެއް ހިމެނޭ ފިލްމެކެވެ. އޭގެ ތެރޭގައި ކިއާރާ އަދުވާނީ، ރުކްމަނީ ވަސަންތު، ހޫމާ ގްރޭޝީ، ނަޔަންތަރާ، ތާރާ ސުތާރިއާ، ސުދޭވް ނައިރް، އަކްޝޭ އޮބެރޯއީ، ޓޮވިނޯ ތޯމަސް، ސުރްޖީތު ގޯޕީނާތު އަދި އަމިތު ތިވާރީ ހިމެނެ އެވެ.
މި ފިލްމު 2023 ގެ ޑިސެންބަރު މަހުގެ ފަހުކޮޅު އިއުލާންކުރި އިރު، ސިނަމާތަކަށް ގެންނަން ނިންމި ތާރީހަކީ މިދިޔަ އަހަރުގެ އެޕްރީލް 10 އެވެ.