ބޭބެ އަދި އެކްޓަރު އަރުޖުން ކަޕޫރަށް ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ބުލީކުރާތީ ވަރަށް ކަންބޮޑުވާ ކަމަށް ޖާންވީ ކަޕޫރް ބުނެފި އެވެ.
އަރުޖުން އަކީ ޖާންވީގެ އެެއްބަފާ ބޭބ އެވެ. އަރުޖުން އަކީ ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ހަތަރު ކުދިންގެ ތެރެއިން ހަމައެކަނި ފިރިހެން ދަރިފުޅެވެ.
އަރުޖުން އަށް ގިނަ ބަޔަކު އެންމެ ބޮޑަށް ސޯޝަލް މީޑިއާގައި މަލާމާތްކޮށް ފުރައްސާރަ ކުރަނީ އެކްޓް ކުރަން ނޭނގޭ ކަމަށް ބުނެ އެވެ. އަދި އޭނަ އަކީ ނުފޫޒު ގަދަ ފިލްމީ އާއިލާއަލަށް ނިސްބަތްވާ މީހަކަށްވާތީ ފުރުސަތު ލިބެނީ ކަމަށާއި ތަރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ކަހަލަ އެއްވެސް ކޮލިޓީއެއްގެ އަރުޖުންގެ ނެތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަބަދު ވެސް އޭނަ އަށް ފާޑުކިޔުންތައް އަމާޒުވެ އެވެ.
އޭނަ އަށް ވުރެ އެތައް އަހަރެއް ދޮށި މަލައިކާ އަރޯރާއާ އަރުޖުން ކުރިން ރައްޓެހިވެގެން އުޅުނު އިރު އެކަމާ ވެސް އެތައް ބަޔަކު މަލާމާތްކޮށް، ޖޯކް ޖަހާފައިވެ އެވެ.
އެހެންވެ ބޭބެ އަރުޖުން އަށް އަމާޒުވެފައިވާ ބުލީއާ ބެހޭ ގޮތުން ޖާންވީ ބުނީ އެފަދަ ކަންކަމަކީ އެއްގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނަ ބުނީ އެފަދަ ކަންކަން ކުރަން ބަޔަކަށް ބަހަނާތަކެއް ވެސް ދެއްކެން ނޯންނާނެ ކަމަށެވެ.
"އެކަމަކު މިއީ ސޯޝަލް މީޑިއާގެ ޒަމާނަށްވެފައި ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުން އެއްޗެއް ބޭނުން މީހަކާ ދިމާލަށް ކިޔާލެވޭނެ ގޮތް އޮތީމަ އެކަމުގެ ބޭނުން ނެގަޓިވްކޮށް ހިފުމަކީ ހަގީގަތުގައި ވެސް ވަރަށް ދެރަ ކަމެއް. ޖާންވީ ބުންޏެވެ.
އޭނަ ބުނީ ވަކިން ހާއްސަކޮށް ފިލްމީ ތަރިންނަށް ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ބުލީކޮށް ހަދާ ކަމަށެވެ. އަދި އަމިއްލަ އަށް ވެސް އެކަން ތަޖުރިބާ ކުރެވިފައިވާ ކަމަށާއި ބޭބެ އަށް ކުރާ ފުރައްސާރަ ވެސް ވަރަށް ގާތުން ފެނިފައި ހުރި ކަމަށް ޖާންވީ ބުންޏެވެ.
"ބައެއް މީހުން މިކަން އެބަކުރޭ އެހެން މހުންގެ ސަމާލުކަން ހޯދަން ވެސް. ފިލްމީ ތަރިންނަކީ ގިނަ ބަޔަކު ދަންނަ ބަޔަކަށްވާތީ އެ މީހުންގެ ނަން ބޭނުންކޮށްގެން ބައެއް މީހުން އުޅޭ އަމިއްލަ ފައިދާ ނަގަން ވެސް." ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު ބުންޏެވެ.