އަލް އަބްރާރް ގްރޫޕުގެ ހަވާލުގައި އުމްރާ އަށް ފުރުމަށް ރޭ ހަމަޖެހުނު މީހުންގެ ތެރެއިން ނުފުރުނު 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަ ހަމަޖައްސައި ދީފި އެވެ.
އުމްރާ އާއި ހައްޖަށް ގެންދާ ސަރުކާރުގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވީ ޢުމްރާގެ އަޅުކަމަށް ގެންދާނެ ކަމަށް ބުނެ އަމިއްލަ ޢުމްރާ ގްރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަ ށްފަހު ޢުމްރާގެ އިންތިޒާމުތައް ހަމަޖައްސާފައި ނުވާތީ އިއްޔެ ހަވީރުގެ ވަގުތެއްގައި މީގެ ތެރެއިން ގިނަ ބައެއްގެ އެދުމުގެ ގެމަތިން ޙައްޖު ކޯޕަރޭޝަނުން ޖާގަ އޮތް މިންވަރުން 28 މީހަކަށް ހަމަޖައްސައި ދީފައިވާ ކަމަށެވެ.
އަދި މިއަދު ހެނދުނު މޯލްޑިވިއަންގެ ފްލައިޓަކުން އެ މީހުން ސައުދީ ޢަރަބިއްޔާ އަށް ފުރާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި އަހަރުގެ ބަރަކާތްތެރި رَمَضَان މަހު ޢުމްރާގެ އަޅުކަމަށް ގެންދާނެ ކަމަށް ބުނެ އަމިއްލަ ޢުމްރާ ގްރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ޢުމްރާގެ އިންތިޒާމުތައް ހަމަޖައްސާފައި ނުވާތީ އިއްޔެ ހަވީރުގެ ވަގުތެއްގައި މީގެ ތެރެއިން ގިނަ ބައެއްގެ އެދިލެއްވުމުގެމަތިން…
— Mohamed Shakeel 🇲🇻 (@schakyyl) March 4, 2026
އުމްރާއަށް ދިއުމަށް އަލް އަބްރާރް ގުރޫޕަށް ފައިސާ ދެއްކި 110 މީހަކަށް ނުފުރުނު މައްސަލައެއް ފެންމަތިވީ ރޭގަ އެވެ. އެ މައްސަލާގައި ބަޔަކު ވަނީ އެ ޖަމާއަތުގެ އޮފީސް ހުންނަ ސަރަހައްދަށް ރޭ އެއްވެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އުމްރާއަށް ދިއުމަށް އަލް އަބްރާރް ޖަމާއަތަށް ފައިސާ ދެއްކި މީހުންގެ ތެރެއިން އެ ގުރޫޕުގެ އޮފީހަށް ދިޔަ މީހުން ބުނެފައިވާ ގޮތުގައި އުމްރާ އަށް ފުރުމުގެ ކުރިން އެ ދުވަހުގެ ހެނދުނު ދަބަސްތައް ގެންދިއުމަށް އެންގި ކަމަށާއި ފަހުން އެންގީ އެއާޕޯޓަށް ދަމުން ދަބަސް ގެންދިއުމަށް ކަމަށް ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ކުންފުނީގެ އޮފީސް ދޮށަށް އެއްވި މީހުން ވަނީ އެ މީހުންގެ ރިފަންޑު ދިނުމަށް ދޭން ވެސް ގޮވާލައިފަ އެވެ. އެކަމާ ގުޅިގެން ޓިކެޓު ފައިސާ ފިޔަވައި އެހެން ހުރިހާ ހަރަދަކަށް ރިފަންޑު ދިނުމުގެ މަސައްކަތް ރޭ ކޮށްފައިވެ އެވެ.
އުމްރާ އަށް ގެންދަން ފައިސާ ނެގުމަށް ފަހު ރާއްޖޭގައި ލަނޑުދޭ ގްރޫޕްތަކުގެ މައްސަލަތައް މި ފަހުން ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ. މިފަދަ މައްސަލަތަކުގައި ބައެއް ގްރޫޕްތަކުގެ ހުއްދަ ވެސް ބާތިލުކޮށް، ޖޫރިމަނާ ވެސް ކޮށްފައިވ އެވެ. އަދި ކުރިން ލަނޑު ދީފައިވާ ގްރޫޕްތަކުގެ ބައެއް އިސް މީހުންނަށް ދައުވާ ވެސް ކޮށްފައިވެ އެވެ.