Last Updated: June 5, 11:07
Friday, June 5, 2026
ކޮލަމް

އީރާނާ ފާޑުފާޑަށް ނުކުޅެވޭނެ!

އިރާންގެ އަސްކަރިއްޔާގެ ގުދަންތަކުގައި 250,000 މިސައިލް ހުރި ކަމަށްވެ އެވެ. އަދި އީރާން އަސްކަރިއްޔާއަށް ދުޝްމިނުންގެ އަމާޒުތަކަށް ގަޑިއަކު 800 މިސައިލް ފޮނުވާލުމުގެ ގާބިލުކަންވެ އެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ އިމުގެ ބޭރުން ފަނާކުރަނިވި ހަތިޔާރު ބޭނުންކޮށްގެން އީރާނު ސުއްނާފަތިކޮށް ނުލާހާ ހިނދެއްގައި، އެވަގުތަކަށް ބޭނުންވާ މިންގަނޑެއްގައި ދުޝްމަނުންނަށް ހަމަލާ ދިނުމުގައި ފަސް އަހަރު ދެމި ތިބެވޭގޮތަށް އީރާން އޮތީ ތައްޔާރު ވެގެންނެވެ.

ދެން އޮތީ އެމެރިކާގެ ވާހަކައެވެ. އެމެރިކާއިން އީރާނާ ވަރުގަދަ ހަނގުރާމައެއް ކުރުމަށް އެގައުމުގެ ފަޚުރުވެރި އަސްކަރިއްޔާގެ މަތިންދާ ބޯޓް އުފުލާ މަނަވަރުތައް މެދުއިރުމަތީގެ އަރަބިއަން ކަނޑުގެ ސަރަޙައްދަށް ފޮނުވަންޖެހެއެވެ. މިފަހަރުގެ އުދުވާން ހިންގުމަށްވެސް މަތިންދާބޯޓް އުފުލާ 2 ނުވަތަ 3 މަނަވަރު ފޮނުވާފައިވެއެވެ. މި މަނަވަރުތައް އީރާނާ ގާތަށް އެއަންނަނީ އެމެރިކާގެ އައްސޭރިފަށުން ފުރައިގެން ކަމަށް ބަލާނަމަ 12 – 14 ހާސް ކިލޯމީޓަރުގެ ދަތުރެއް ކޮށްފައެވެ. ކޮންމެ ފުލީޓެއްގައި މަތިންދާބޯޓް އުފުލާ މަނަވަރު ވަށައިގެން އެތައް ބައިވަރުގެ ކުދި މަނަވަރުތައް ވެސް ތިބެން ޖެހެ އެވެ.

މަތިންދާބޯޓް އުފުލާ މަނަވަރަކާއި އެ އުޅަނދުގެ ވަށައިގެން ދަތުރުކުރާ އެހެނިހެން ކުދި މަނަވަރުތަކުގެ ފުލީޓަށް ދުވާލަކަށް ހިނގާ ޚަރަދު އެނގޭހެއްޔެވެ؟ މިއިން ފުލީޓަކަށް 6–8 މިލިއަން ޑޮލަރު (92–123 މިލިޔަން ދިވެހި ރުފިޔާ) ދުވާލެއްގެ ޚަރަދުތަކަށް ހޭދަވެ އެވެ.

އިޒްރާއީލް ގެ އާބާދީއަކީ 9.9 މިލިޔަން މީހުންނެވެ. އެމެރިކާގައި 340 މިލިޔަން މީހުން ދިރިއުޅެއެވެ.

ސުވާލަކީ އެންމެ 9 މިލިޔަން މީހުން ހިމެނޭ ނިސްބަތުން ކުޑަ ގައުމަކަށްޓަކައި 340 މިލިޔަން މީހުންގެ ބިޔަ ގައުމަކުން މިހާ ބޮޑު ގުރުބާނީއެއް ވާންޖެހޭ ސަބަބަކީ ކޮބާ ހެއްޔެވެ؟ ކޮ ންފަދަ މަޖުބޫރު ކަމެއް އެމެރިކާއަށް އޮތީ ހެއްޔެވެ؟

ހުސްވި 2025 ވަނަ އަހަރު އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ އެތައް ފަހަރަކު އެމެރިކާއަށް ދަތުރުކުރެއްވިއެވެ. އެންމެ ކަމަކަށެވެ. އީރާނަށް ހަމަލަ ދިނުމަށް އެމެރިކާ ނެރުމަށް ބާރުއެޅުމަށެވެ. ޑޮނަލްޑް ޓްރަމްޕް އެތައްފަހަރަކު ނަތަންޔާހޫގެ ބާރުއެޅުމަށް ދެކޮޅުހެއްދެވި އެވެ.

އެމެރިކާއަކީވެސް ބޮޑާކަމެއް ގެންގުޅޭ ގައުމެކެވެ. އިޒްރާއީލް އެކަނި ނިކުމެ ހަނގުރާމަކޮށް އެމެރިކާއަށް ކުރެޑިޓް ނުލިބޭގޮތަށް އީރާން ސުއްނާފަތިކޮށްލާ ތަން ދެކެން އެމެރިކާގެ ވެރިންވެސް ބޭނުމެއް ނުވެއެވެ. އެހެންކަމުން ޒަޔަނިސްޓުން ކުރިމަތީގައި ދީލާލައި މި ހަނގުރާމަ އަށް އެއްބަސްވެ، އީރާނާ ތޮޅެން އެ އައީ އެވެ.

މި ހަނގުރާމައިގައި އީރާނަށް ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟

އިސްލާމީ ދުނިޔޭގެ ބާރުހުރި ދެ ގައުމު އެމެރިކާގެ އުދުވާނުގެ ސަބަބުން ހަލާކުވެ ނިމިއްޖެ އެވެ. މިއީ އީރާނަށް އޮތް ވަރަށް ބޮޑު އިބުރަތެކެވެ. އީރާންގެ ހަޤީޤީ ނިޔަތަކީ އިސްލާމްދީނުގެ ހައްޤުގައި ހަނގުރާމަކުރުން ކަމުގައިވާނަމަ އީރާނުގެ އަސްކަރީ ބާރު އެމެރިކާއާއި ޔަހޫދީންގެ ގޮނޑިކޮއްކޮ ބައެއްގެ އަތްމައްޗަށް ނުދަނީސް ނަތީޖާ ނެރެން ޖެހޭނެ އެވެ.

މި ހަނގުރާމަ ދިގުލައިގެން ދާނެކަމަކަށް ނުބެލެވެއެވެ. ކުރުމުއްދަތަކަށް މިހަނގުރާމައިން ފެންނާނެ ކަމަށް ލަފާކުރެވެނީ ދެ ޙާލަތެކެވެ. އެއްގޮތަކީ އެމެރިކާއާއި އިޒްރޭލާއި އަދި އެ ދެގައުމާ ގުޅިފައިވާ ސުއްނީ އަރަބި ގައުމުތަކުގެ އެހީގައި އީރާން ސުއްނާފަތިކޮށް ނިންމާލުމެވެ. އޭރުން އީރާން ފެންނާނީ އީރާޤާއި ލީބިޔާއަށް ވީގޮތަށެވެ.

ދެވަނަ ގޮތަކީ އީރާނު ބަލިކޮށް ނުލެވި އިޒުރާއީލު ސުއްނާފަތިވެ، މެދުއިރުމަތީގައިވާ އެމެރިކާގެ ބޭސްތައް ފުނޑި، އެމެރިކާއަށް އޮބި ނޯވެގެން ހަނގުރާމަ ހުއްޓާލަން އީރާން އެއްބަސް ކުރުވުމެވެ.

އީރާނު ބޭނު ންނަމަ މުސްލިމު ބިމެއްގެ މައްޗަށް ވެރިވެތިބި ޒަޔަނިސްޓުން ބަލިކޮށްލެވޭނެ އެވެ. މީގައި އޮތީ މަރެވެ. މަރުވުމުގެ ކުރިން ނަތީޖާ ދެއްކުމެވެ. ﷲ ގެ ރުއްސެވުމާއި ކާމިޔާބީ އޭގެ ފަހަތުން އަންނާކަމާ މެދު މުއުމިނުންގެ ހިތްތަކުގައި ޔަޤީންވެ ބިންވަޅު ނެގިފައި ވާނެ އެވެ.

އީރާން ތަފާތެވެ! އާޔަތުއްﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން އީރާންގެ ގިނަ ރައްޔިތުންނަށް ލިބުނީ ހިތާމައެވެ. އުފާފާޅު ކުރުމެއް ނެތެވެ. މަގުތަކަށް ނިކުތީ ކަރުނައިން ފޯވެފައިވާ ލޯތަކަކާއި ގެންނެވެ. މިވީ ކިހިނެތްބާއެވެ! ސަބަބަކީ އީރާންގެ ލީޑަރޝިޕްއާ ރައްޔިތުންގެ ހިތްތަކާ ގުޅިފައިވުމެވެ.

ދުނިޔެއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ތިބެ 47 އަހަރު ވީއިރުވެސް އީރާނުގެ ވެރިކަމަށް ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯބި ފަނޑުކޮށެއް ނުލެވުނެވެ. އީރާނުގެ ބަޔަކަށް އިޒްރާއީލުގެ ޖާސޫސީ އިދާރާ މުސާދުން ރިޝްވަތު ދީގެން ވެސް އީރާން ބައިބައި ކުރެވޭ ގޮތެއް ނުވިއެވެ.

ދުނިޔޭގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް އީރާން، ޢިލްމާއި، ސައިންސްއާއި ޓެކްނޮލީގެ ދާއިރާގައި ކުރިއަރަމުން ދިޔައީ ހައިރާން ކުރުވަނިވި ބާރު ސްޕީޑުގައެވެ.

މުޅި ދުނިޔެއާ އެކަހެރިކޮށްފައި ބާއްވައިގެން ވެސް އީރާނުގެ ލީޑަރުންނަކީ އެމެރިކާ އަށް ބޯލަނބައިގެން ތިބޭ ބަޔަކަށް ނެހެދުނެވެ. އަދި އަމިއްލަ ފައިމައްޗަށް ތެދުވެ ވަރުގަދަ އަސްކަރީ ބާރެއްވެސް އުފެއްދިއެވެ.

މިކަމާ ހެދި އީރާންއަށް ބޮންއަޅައި އެ ޢިލްމީ ހަޟާރަތު ސުއްނާފަތިކޮށްލުން ނޫން ގޮތެއް ބައިނަލްއަޤުވާމީ ދެ ގާތިލުން ކަމުގައިވާ އެމެރިކާއަށާއި އިޒްރާއީލަކަށް ނެތެވެ. އެކުރަނީ އެ މަސައްކަތެވެ.

ނަމަވެސް ގާތިލުން އެމީހުންގެ ނުބައި ޕްލޭންތައް ރާވަމުންދާއިރު، ﷲ ގެ އެހެން ޕްލޭނެއް ވާނެއެވެ. އަހަރެމެންނަށް ނޭނގެނީ އެ އިލާޙުގެ ޕްލޭނަށް ކަންކަން ބަދަލުވެގެން ހިނގައިދާނެ ގޮތަކާއި ވަގުތެވެ.

ނޯޓް: މިއީ އަހުމަދު ސައީދުގެ ލިޔުއްވުމެކެވެ.