Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

މާލޭގައި އުޅޭ މީހުންނަށް ބިން ދޫކުރާ އުސޫލު އާންމުކޮށްފި

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯތިގެދޮރު ޕްރޮގްރާމްގެ ދަށުން މާލޭގައި ދިރިއުޅޭ މީހުންނަށް ބިން ދޫކުރުމުގެ އުސޫލު ހައުސިން މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

މި އުސޫލަކީ 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް މާލެ ސަރަހައްދުންނާއި ރަސްމާލެއިން ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލެކެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ގޯތި ގެދޮރު ޕްރޮގްރާމްގެ ދަށުން ދެ ކެޓަގަރީއަކުން ރަސްމާލެއިން ގޯތި ދޫކުރާނެއެވެ. އެގޮތުން ދޫކުރާ ކޮންމެ ގޯއްޗެއްގެ ބޮޑުމިނަކީ 1,250 އަކަފޫޓެވެ.

ކެޓަގަރީ 1 ގައި ހިމެނެނީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ މަދުވެގެން އެއް އަހަރުވެފައިވާ ފަރާތްތަކެވެ. އޭގެ ތެރޭގައި އުފަންވީއްސުރެ މާލޭގެ ރަށްވެހިންގެ ގޮތުގައި ތިބި މީހުންނާއި، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ވެސް ހިމެނެ އެވެ.

ކެޓަގަރީ 2 ގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ތެރެއިން، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ. މި މުއްދަތު ގުނާނީ އުސޫލަށް އަމަލުކުރަން ފަށާ ދުވަހާ ހަމައަށް މެދުނުކެނޑި މާލޭގައި އުޅެފައިވާ މުއްދަތަށް ބަލައިގެންނެވެ.

މީގެ އިތުރުން މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބިފައިވާ ފަރާތްތަކުން އެ ގޯތި ދޫކޮށްލާ ނަމަ، ވަކިން ގޯތި ދިނުމުގެ ހާއްސަ އުސޫލެއް ވެސް އާންމުކޮށްފައިވެ އެވެ. އެ އުސޫލުގެ ދަށުން ވެސް ގޯތި ދޫކުރާނީ ރަސްމާލެއިންނެވެ. މީގެ ތެރޭގައި ބިންވެރިޔާ ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ އިތުރުން، ކުރިން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށް ވެސް ފުރުސަތު ލިބޭނެ އެވެ.

ސަރުކާރުގެ އަމާޒަކީ ރަސްމާލެއިން ޖުމްލަ 15,000 ގޯތި ދޫކުރުމެވެ. މީގެ ތެރޭގައި މާލޭ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި ހާއްސަ އިސްކަންދޭ ކެޓަގަރީއަށް 2,000 ގޯތި ހިމެނެ އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އާއިލީ ބޯހިޔާވެހިކަމުގެ ކޮންސެޕްޓަށް އިސްކަންދީގެންނެވެ.

ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 8 އިން ފެށިގެން އަންނަ މަހުގެ 30 އާ ހަމައަށް ދޭން ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.