Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޓެކްސީ ލައިންގެ ޚިދުމަތް މި މަހު ފަށަނީ

ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތް، މި މަހުގެ ތެރޭގައި ފެށުމަށް ނިންމައިފި އެވެ.

މި ހިދުމަތް ދޭން ނިންމާފައި އޮތީ އެމްޓީސީސީ މެދުވެރިކޮށެވެ. އެގޮތުން އެ ކުންފުންޏާ ޓެކްސީ ލައިންގެ ހިދުމަތް ދޭން ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 15 ގަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ޓެކްސީ ލައިންގައި ބޭނުންކުރާނީ ތިން މޮޑެލެއްގެ ކާރުތަކެއް ކަމަށާއި އޭގެ ތެރެއިން އެއް މޮޑެލްގެ ކާރުތައް ގެންނަނީ ތައިލެންޑުން ކަމަށްވާއިރު އަނެއް ދެ މޮޑެލްގެ ކާރުތައް ގެންނަނީ ޗައިނާއިން ކަމަށެވެ. އަދި ކާރުތައް ރާއްޖެ ގެންނާނީ ދެ ބެޗަކަށް ބަހާލައިގެން ކަމަށް އަމީން ވިދާޅުވި އެވެ.

އޭގެ ތެރެއިން އެއް ބެޗުގެ ކާރުތައް މިއަދު ލަންކާ ޕޯޓަށް ވަންނާނެ ކަމަށާ އެ ބެޗުގެ ކާރުތައް މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި އަނެއް ބެޗުގެ ކާރުތައް ގެނެވޭނެ ތާރީޚެއް އަންނަ ހުކުރު ދުވަހު ޔަޤީންކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި އެ ޙިދުމަތް އިފްތިތާހުކޮށް ލިމިޑެޓް ޚިދުމަތްތަކެއް މިމަހުގެ 18 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެމްޓީސީސީގެ އަމާޒަކީ ޢީދު ދުވަހަށް އެ ޚިދުމަތް ފެށުން ކަމުގައި ވިދާޅުވި އެވެ.

ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ތައާރަފު ކުރަން ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ހިދުމަތް އެންމެ ފުރަތަމަ ފަށަން ނިންމާފައި އޮތީ މާލެ ސަރަހައްދުގަ އެވެ.

ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި އޮތީ ތިން ފޭހަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވީއައިއޭއަށެވެ. އޭގެ ފަހުން 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފެށުމަށް ފަހު ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައި ވަނީ 2029 ގެ ނިޔަލަށެވެ.

އެންމެ ފަހުން ހިދުމަތް ފަށާނީ ރަސްމާލެ އާއި ގިރާވަރުފަޅާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގައި ހިދުމަތް ފަށާނެ އެވެ.