Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ރަމަޟާން މަަސް؛ ތެދުވެރި ނިޔަތާއި ވަރުގަދަ ޢަޒުމް މުހިންމު

ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ތެދުވެރި ނިޔަތާއި ވަރުގަދަ ޢަޒުމަކީ ވަރަށް މުހިންމު ދެކަންތަކެވެ. މި ފެށޭ ރަމަޟާން މަހުގެ ދުވަސްތަކަކީ ހީވާގިކަމާއެކު ގަދައަޅައި މަސައްކަތް ކުރާނޭ ދުވަސްތަކެއް ކަމުގައާއި، އަޅުކަންތައްތައް އިތުރު ކުރާނޭ ދުވަސްތަކެއް ކަމުގައި މިހާރުން ފެށިގެން ނިޔަތްގަނެ، ޢަޒުމް ކަނޑައަޅާށެވެ. ހަމަކަށަވަރުން މާތް އީ ތިބާގެ ނިޔަތް ބައްލަވައިވޮޑިގެންވާ، އަދި ހިތުގެ ސިއްރުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ޔަޤީންކުރާށެވެ.

ތިބާގެ ކިބައިގައި އިޚްލާޞްތެރިކަންވާކަން އެކަލާނގެ ދެކެވޮޑިގެންފި ހިނދު، ތިބާއަށް ސީދާ މަގު ދައްކަވައި، ހެޔޮ ކަންކަމުގައި މަގުފަހިކޮށްދެއްވައި އެހީތެރިވެވޮޑިގަންނަވާނެ އެވެ.

އިބްނު މުފްލިޙު އަލްމަޤްދިސީ ރަޙިމަހު “ހެޔޮކަމުގެ ނިޔަތް ބޭއްވުމަށް އިމާމު އަޙްމަދު ރަޙިމަހުﷲ އެކަލޭގެފާނުގެ ދަރިކަލުންނަށް ކުރެއްވި ވަޞިއްޔަތް” މި ސުރުޚީގެ ދަށުން ލިޔުއްވާފައިވެއެވެ.

އިމާމު އަޙްމަދު ރަޙިމަހުﷲގެ ދަރިކަލުން ޢަބްދު އެއްދުވަހަކު އެކަލޭގެފާނުގެ ބައްޕާފުޅަށް ދެންނެވިއެވެ: “އޭ ބައްޕާފުޅެވެ! އަޅުގަނޑަށް ނަޞޭޙަތެއް ދެއްވާށެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ: “އޭ ދަރިފުޅާއެވެ! އަބަދުވެސް ހެޔޮކަމަށް ނިޔަތްގަންނާށެވެ. އެހެނީ، ހެޔޮކަމަށް ނިޔަތްގަނެގެން ހުންނަހާ ހިނދަކު ތިބާ އަބަދުވެސް ހުންނާނީ ހެޔޮކަމާއި ބަރަކާތުގެ މަތީގައެވެ.”

މިކަމާ ގުޅޭގޮތުން އިބްނު މުފްލިޙު ރަޙިމަހު ވިދާޅުވެފައިވެ އެވެ: “މިއީ ވަރަށް މަތިވެރި، އެހެނަސް ބަޔާންކޮށް ދޭން ފަސޭހަ، އަދި އަޑުއަހާ މީހާއަށް ފަހުމްވުމަށާއި އަމަލު ކުރުމަށް ވެސް ލުއި ފަސޭހަ ވަޞިއްޔަތެކެވެ. މިކަމަށް އަމަލުކުރާ މީހާއަށް ލިބޭ ދަރުމައާއި ސަވާބު އަބަދުމެ ދެމިގެންވެއެވެ. އެއީ އެ ނިޔަތް ދެމިއޮންނަހާ ހިނދަކުއެވެ. އަދި ޝަރުޢީ ގޮތުން ހިތާ ގުޅިފައިވާ އެންމެހާ ހެޔޮ އަމަލުތަކަކަށް މިކަން ޝާމިލުވެ އެވެ. އެއީ ޚާލިޤުވަންތަ އާ ގުޅުންހުރި ކަމެއް ކަމުގައިވިޔަސް ނުވަތަ މަޚްލޫޤުންނާ ގުޅުންހުރި ކަމެއް ކަމުގައި ވިޔަސް، އެ މީހަކަށް އެކަމުގެ މައްޗަށް ދަރުމަ ލިބިގެންދާނެއެވެ.” محمد بن مفلح المقدسي. الآداب الشرعية

ބައެއް އަޘަރުތަކުގައިވާ ފަދައިން، މުއުމިނު އަޅާގެ ނިޔަތް އޭނާގެ ޢަމަލަށްވުރެ ބާރުގަދަވެފައި، ފުރިހަމަވެގެންވެ އެވެ.

ދެން އޮތީ ޢަޒުމު ކަނޑައެޅުމާއި ހިތްވަރު އުފެއްދުމެވެ. ޢަޒުމަކީ އިންސާނާ ކުރިއަށް ދިއުމަށްޓަކައި ހިތުގައި އުފެދޭ އިޚްލާޞްތެރި ފެށުމާއި، ހިތުގެ އަޑިން އުތުރިއަރާ ވަރުގަދަ ޝައުޤުވެރިކަމެކެވެ. މިއީ އަޅާގެ ކިބައިގައި ހަރަކާތްތެރިކަން އުފައްދައި، އޭނާގެ އީމާންކަމުގެ ތެދުވެރިކަން އިމްތިޙާނުކޮށް، އޭނާގެ ހިތުގެ އަސްލު ހަގީގަތް ހާމަކޮށްދޭ މަތިވެރި މަޤާމެކެވެ.

ކިޔަމަންތެރިކަމުގެ މަގު އިންސާނާއަށް އަދި އެނގުނުކަމުގައިވިޔަސް ކަންނެތްކަމާއި ފަރުވާކުޑަކަމާ ދެކޮޅަށް ހިތުގައި ވަރުގަދަ ހިތްވަރެއް ނެތްނަމަ، އަދި ހުރަސްތައް ގިރާކުރުމުގެ މަތިވެރި އަޒުމެއް ކަނޑަނޭޅޭ ނަމަ، އޭނާއަށް އެމަގުން ކުރިޔަށް ދިޔުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެނީ، ކާމިޔާބީގެ މަގުގައި ކުރިއަށް ދެވޭނީ އަޒުމުގެ ދޮރު ހުޅުވިގެންނެވެ. އެއީ ދަތުރުގެ ސަވާރީގެ އިންޖީނު ފަދަ އެއްޗެކެވެ.

ހިތްވަރާއި ޢަޒުމުގެ ދަރަޖަތަކުގެ ތެރެއިން ތިބާ ވަނީ ކޮން ދަރަޖައެއްގައިތޯ ބަލާށެވެ. ޢަޒުމު ވަރުގަދަ ކުރުމަށްޓަކައެވެ.

ހިތްވަރާއި އަޒުމުގެ ދަރަޖަތައް:

ހިތްވަރާއި އަޒުމުގެ ގޮތުން މީސްތަކުން ތިން ދަރަޖައަކަށް ބެހިގެންވެ އެވެ.

ފުރަތަމަ ދަރަޖަ: ދަށް އަޒުމުގެ ވެރިން

މިއީ ހެޔޮކަންތައްތަކަކީ ކޮބައިކަން ރަނގަޅަށް އެނގިތިބެ، އެކަންކަމަށް އަމަލުނުކުރާ މީހުންނެވެ. މިބައިމީހުންނަކީ ރީތި ވާހަކަތަކަށް ޝައުގުވެރިވާ، އަޅުވެރިންނަށް ތައުރީފުކޮށް ހެޔޮމަގުގެ މުހިންމުކަން ގަބޫލުކުރާ ބަޔެކެވެ. ނަމަވެސް، އެ މަގުގައި ކުރިއަށް ދިއުމަށްޓަކައި އެއްވެސް އަމަލީ ފިޔަވަޅެއް އެޅުމުގެ ހިތްވަރެއް އެމީހުންގެ ކިބަޔަކު ނުހުރެއެވެ. މިފަދަ މީހުންނަކީ ކަންނެތްކަމާއި ހުސް އުންމީދުތަކުގެ އަސީރުންނެވެ.

އެ މީހުން ބޭނުންވަނީ އަމަލީ މަސައްކަތަކާ ނުލައި ހެޔޮލަފާ މީހަކަށް ވުމަށެވެ. އެއްވެސް ގުރުބާނީއެއް ވުމަކާ ނުލައި އިސްލާހުވުމަށެވެ. އަދި ހަވާ ނަފްސާ ހަނގުރާމަކުރުމެއް ނެތި ތައުބާވުމަށެވެ. މި މީހުންނަކީ ގަސްތުގައި ދީނަށް ހިޔާނާތްތެރިވާ ބަޔެއް ނޫނެވެ. ނަމަވެސް، އެމީހުންގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމާއި ކަންނެތްކަމުގެ ސަބަބުން، އެމީހުން އެވަނީ އަމިއްލަ ނަފްސަށް ހިޔާނާތްތެރިވެފަ އެވެ.

* މެދުފަންތީގެ ހިންމަތާއި އަޒުމް ހުންނަ މީހުން: މިއީ އެމީހުންގެ ވަށައިގެންވާ މީހުން ހަރަކާތްތެރިވާ ނަމަ ހަރަކާތްތެރިވާ، އަދި އެހެން މީހުން ފަރުވާކުޑަކޮށް މަޑުޖެހިލުމުން ހިމޭންވާ މީހުންނެވެ. އެމީހުންގެ ކަންކަން މުޅިންވެސް ބިނާވެފައިވަނީ “އީމާނީ މާހައުލެއްގެ” ނުފޫޒުގެ މައްޗަށެވެ. އެގޮތުން ރަމަޟާން މަސް އައުމުން ހީވާގިވެ، އަޅުކަމުގައި ދެމިތިބެއެވެ. އަދި އަސަރުގަދަ ދަރުސެއް އަޑުއިވުމުން އެމީހުންގެ ހާލަތު ބަދަލުކުރެއެވެ.

ނަމަވެސް، ތަރުބަވީ މާހައުލާ ދުރުވުމުން އެމީހުންގެ ފޯރި ކެނޑި، އަޒުމް ބަލިކަށިވެއެވެ. އެމީހުންނަށް ހިތްވަރުދީ މަގުދައްކާނެ މީހަކު ހުރެއްޖެ ނަމަ ކުރިއަށްދެ އެވެ. އެކަނި ދޫކޮށްލައިފި ނަމަ ފަހަތަށް ޖެހެ އެވެ. މިއީ މީގެ ކުރިން ބަޔާން ކުރެވުނު ދަށް ފަންތީގެ މީހުންނަށްވުރެ ހެޔޮލަފާ ބައެއް ނަމަވެސް، އެންމެ މަތިވެރި ދަރަޖަތަކާ ހަމައަށް ވާސިލުވުމުގެ ތައުފީގެއް އެމީހުންނަކަށް ނުލިބެ އެވެ.

* ވަރުގަދަ އަޒުމާއި ހިތްވަރުގެ ވެރިން: މިއީ ހަގީގީ މާނައިގައި ހެޔޮމަގުގައި ދަތުރުކުރާ މީހުންނެވެ. އެމީހުންނަކީ ވަކި ހާއްސަ މުނާސަބަތަކަށް ނުވަތަ އެހެން ބައެއްގެ ބައިވެރިވުމަށް އިންތިޒާރުކުރާނެ ބައެއް ނޫނެވެ. އޭގެ ބަދަލުގައި، އެމީހުންގެ ހިތްތަކަކީ އީމާންތެރިކަމުގެ ބާރު އަމިއްލައަށް އުފައްދައިދޭ ހިތްތަކެކެވެ. މިފަދަ މީހުންގެ ސިފަތަކުގެ ތެރޭގައި ހިމެނެނީ:

– ހުސް އުންމީދުތަކެއް ކުރުމަށް ވުރެ، އަމަލީ ގޮތުން ހެޔޮ އަމަލުތައް ކުރުން އެމީހުންނަށް މާ ބޮޑަށް ވެސް ލޮބުވެތިވެގެންވެ އެވެ.
– ކިޔަމަންތެރިކަން އަދާކުރުމަކީ އެމީހުންގެ ނަފްސުން ނިންމާ ވަރުގަދަ ނިންމުމެކެވެ. އެއީ ހަމައެކަނި ވަގުތީ ޖަޒުބާތެއްގައި ކުރާ ކަމެއް ނޫނެވެ.
– އަޅުކަން ކުރުމަކީ ހަމައެކަނި އާދަކާދައެއްގެ ގޮތުން ކުރާ ކަމެއްގެ ބަދަލުގައި، އެކަމުން އެމީހުންނަށް ލިބޭ ރޫހާނީ ފޮނި މީރުކަމަކީ އެމީހުން ކުރިއަށް ދިއުމަށް ލިބޭ ބާރެކެވެ.
– އަދި ކަމެއްގައި ފަސްޖެހި ނުވަތަ ވެއްޓޭ ހިނދު، އެމީހުން އަލުން ތެދުވެ ހިތްވަރު އާކުރެއެވެ. އަދި ބަލިކަށިވާ ހިނދު، ނަފްސާ ދެކޮޅަށް ގަދައަޅައި މަސައްކަތް (ޖިހާދު) ކުރެ އެވެ.

ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.