Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މިއަދުވެސް ރާއްޖެ އަންނަން އޮތް 18 ފްލައިޓެއް ކެންސަލް

އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނަށް ދިން ވަރުގަދަ ހަމަލާތަކުގެ ނަތީޖާއެއް ގޮތުން، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ހެދި މިއަދު ވެސް ރާއްޖެ އަށް އަންނަން އޮތް 18 ފްލައިޓެއް ކެންސަލް ކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭޝިއޭޝަން މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ މެދުއިރުމައްޗަކީ ވެސް ރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ސަރަހައްދަކަށް ވީިއިރު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާ ކަމަށެވެ.

އެގޮތުން މިއަދުގެ ހާލަތަށް ބަލާއިރު މިއަދު ވެސް ރާއްޖެއަށް 53 ޝެޑިއުލް ފްލައިޓް އަންނަން އޮތްއިރު، އޭގެ ތެރެއިން 18 ފްލައިޓް ކެންސަލް ވެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. ކެންސަލްވެފައިވާ ފްލައިޓުތަކުގެ ތެރޭގައި ދުބާއީ، އަބޫދާބީ، ދޯހާ،ޝާރްޖާ އަދި ބަހްރޭނުގެ އެއާލައިންތަކުން ރާއްޖެއަށް ޝެޑިއުލް ކޮށްފައިވާ ދަތުރުތައް ހިމެނޭ ކަމަށް އަމީން ވިދާޅުވި އެވެ.

"މި އަދަދަކީ އަޅުގަނޑުމެންގެ އިންޑަސްޓްރީއަށް ދެރަތަކެއް ދިމާވާނެ އަދަދެއް. ޗެލެންޖެސް ތަކެއް ކުރިމަތިވާނެ މިހާ ގިނަ އަދަދެއްގެ ފްލައިޓްތައް ޕްލޭންކޮށްފައި އޮއްވާ ކެންސަލް ވެގެން ދިއުމަކީ. މިދިޔަ މަހުގެ 28 އިން ފެށިގެން މިހެން ކަންތައް މި ހިނގަނީ،" އަމީން ވިދާޅުވި އެވެ.

މެދުއިރުމަތީގެ ދަތުރުތައް ހުއްޓުމާ ގުޅިގެން ރާއްޖޭގައި ނުފުރި ތާށިވިވެފައި 370 އަށްވުރެ ގިނަ ފަތުރުވެރިން އެބަތިބި ކަމަށާއި މީގެ ތެރެއިން ސަރުކާރުން ހުރުމުގެ ކަންކަން ހަމަޖައްސައިދީގެން 110 ވަރަކަށް ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ތިބިކަމަށްވެސް އަމީން ފާހަގަކުރެއްވި އެވެ.