ނުފުރި ތިބި މީހުންނަށް އުމްރާއަށް ފުރޭނެ އިންތިޒާމް ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެކި ކުންފުނިތަކުން އުމްރާއަށް ދިއުމަށް އުޅުނު ފަރާތްތަކަށް ނުފުރިފައިވުމާއި ބައެއް ޤައުމުތަށް މެދުވެރިކޮށް ޓްރާންސިޓްކޮށް ފުރަން އުޅުނު ފަރާތްތަކަށް، އެޤައުމުތަކުގެ ޕްލައިޓްތައް ކެންސަލްވުމުން ނުފުރިފަ ތިބި ފަރާތްތައް ޢުމްރާއަށް ފުރުވޭނެ ގޮތެއް ހޯދުމަށް ރައީސް މުއިއްޒު އިރުޝާދު ދެއްވާފައިވުމާއެކު، ފުރޭނެ ގޮތެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ފަށާފައިވާ ކަމަށެވެ.
އެގޮތުން މިވަގުތާ ހަމައަށް 150 މީހުން ފުރަން ބޭނުންވެފަ ތިބިކަން ފާހަގަކުރެވިފައިވާ ކަމަށާއި ފްލައިޓް ޗާޓަރު ކުރެވޭނެ ގޮތް ވެއްޖެ ނަމަ މީގެ އިތުރުން ވެސް ޖާގަ އެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ޖާގަ ހުރި މިންވަރަކުން ދެވޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ވަގުތު ކުޑަތަންވެފައިވުމުން މިކަމުގައި ހުރި ދަތިތައް ޙައްލުވޭތޯ މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށް ހަމަޖެހިފައިވާ ފްލައިޓްތަކުގެ ދަތުރުތަކަށްވެސް ވަނީ ބުރޫ އަރާފަ އެވެ.
މީގެއިތުރުން އަމިއްލަ ޢުމްރާ ގްރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.