Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޕީއެންސީން މަސައްކަތް ކުރަނީ ތަރައްގީއަށް: އާދަމް ޝަރީފް

ޕީއެންސީން މަސައްކަތް ކުރަނީ ތަރައްގީއަށް ކަމަށާއި ސަރުކާރާއި އިދިކީލަ ފިކުރުގެ މީހުންނަށް ކައުންސިލްތަކުން ޖާގަދީފިނަމަ ތަރައްގީއަށް ހުރަސްއެޅޭނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ ހެންވޭރު އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ޕީއެންސީން ނުކުމެ މަސައްކަތްކުރަނީ ތަރައްގީއަށް ކަމަށާއި ޕީއެންސީން މަސައްކަތްކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އަވަހަށް ފޯރުކޮށްދެވޭނެ ގޮތަކަށް ކަމަށެވެ.

"ގަބޫލުކުރަންޖެހޭނެ ތެލާއި ފެނަކާ އެކެއް ނުވާނެ. ތަރައްގީއަށް މަސައްކަތްކުރާ ބަޔަކު ތަރައްގީއަށް ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް، އެތަނަށް އެހެން ބަޔަކު ވަދެ ގަޑުބަޑު ކުރާ ކަމަށްވެއްޖެއްޔާ، ތަރައްގީއަށް ހުރަސް އެޅޭނެ. އެ ސަބަބާ ހުރެ ކައުންސިލުގައި ތިއްބަވާ ގިނަ ބޭފުޅުންނަކީ ތަރައްގީގެ ވިސްނުމަށް މަސައްކަތްކުރާ، އެ ފިކުރުގެ ބަޔަކަށް ވުމަކީ ވަރަށް މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކުގައި އިދިކީލި ފިކުރުތައް ގިނަވާ ކަމަށްވެއްޖެއްޔާ، އެ އިދިކީލިކަން ކުޑަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގިނަވާނެ ކަމަށާއި އަދި ޕީއެންސީގެ ފިކުރު ނޫން ގޮތަކަށް މަސައްކަތްކުރާ ބަޔަކު ތިބެއްޖެ ކަމަށްވެއްޖެއްޔާ ޕީއެންސީގެ ފިކުރު އޮޅުންފިލުވައިދޭން، ވިސްނައިދޭން ކައުންސިލުތަކުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވެގެންދާނެ ކަމަށެވެ.

"އެއީ ގެއްލިގެންދާ ވަގުތުތަކެއް، އެއީ ގައުމުގެ ތަރައްގީއަށް އަޅުގަނޑުމެންނަށް ކުރަންޖެހޭ މަސައްކަތާއި ހޭދަކުރަން ޖެހޭ ވަގުތާއި ފައިސާއިން ގެއްލޭ ވަގުތުތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ކައުންސިލަރުންނަކީ ތަރައްގީގެ ވިސްނުމުގައި، ރައީސް މުއިއްޒު ގެންނަވާ ހެޔޮ ބަދަލުތަކާ އެއްގޮތަށް މަސައްކަތްކުރާނެ ބަޔަކަށް ވެއްޖެނަމަ އެ މަސައްކަތްތައް އިތުރަށް ފަހިކަމާއެކު ކުރިއަށްގެންދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.