އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓާ 2-2 އިން މެންޗެސްޓާ ސިޓީ އެއްވަރުވުމުގެ ފައިދާ އާސެނަލުން ނަގައިފި އެވެ.
އާސެނަލުން ރޭ ވަނީ 1-0 އިން ބްރައިޓަންގެ މައްޗަށް ކުރި ހޯދާފަ އެވެ. މި ނަތީޖާއާ އެކު އާސެނަލުން މިހާރު ވަނީ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.
އާސެނަަލަށް 30 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 29 މެޗުން ވަނީ 60 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޔުނައިޓެޑަށް 29 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އެސްޓަން ވިލާ އަށް 29 މެޗުން 51 ޕޮއިންޓް ލިބިފައިވެ އެވެ. ފަސް ވަނައިގައި އޮތް ޗެލްސީ އާއި ހަ ވަނައިގައި އޮތް ލިވަޕޫލަށް 29 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ.
ސިޓީން ރޭގެ މެޗުގައި ލީޑުނެގީ އެންޓޮއިން ސެމެންޔޯ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި މޯގަން ގިބްސް-ވައިޓް ޖެހި ލަނޑުން ފޮރެސްޓުން ފުރަތަމަ އެއްވަރުކުރިއިރު، ރޮޑްރީ ވަނީ ސިޓީ އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، އޭރިއާބޭރުން އެލިއަޓް އެންޑަސަން ޖެހި ޝޮޓަކުން ވައްދާލި ލަނޑާ އެކު ފޮރެސްޓުން ވަނީ ސިޓީ އަތުން ޕޮއިންޓެއް ހޯދާފަ އެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އާސެނަލަށް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާ އެވެ. މިއީ ބްރައިޓަންގެ ކީޕަރު އަތުން ހެދުނު ގޯހަކުން ވަތް ގޯލެކެވެ.
ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ވަނީ ފަހަތުން އަރައި 4-1 އިން އެސްޓަންވިލާ ބަލިކޮށްފަ އެވެ. ނިއުކާސަލް ޔުނައިޓެޑުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ވެސްޓްހަމް ޔުނައިޓެޑުން ވަނީ 1-0 އިން ފުލަމް ބަލިކޮށްފަ އެވެ.