Last Updated: June 5, 11:07
Friday, June 5, 2026
ކޮލަމް

"ދީނީ" މީހުން އެއްގަލަކަށް އަރާ މައްސަލައެއް!

އެމެރިކާގެ ޙައްދު ފަހަނައަޅާފައިވާ ޒަޔަނިސްޓު ސެނެޓަރު ލިންޑްސޭ ގްރަހަމް އިއްޔެ ބުނެފައިވެއެވެ؛
​މި ހަނގުރާމައިން ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަކީ، އިރާނުގެ ސަރުކާރު ވެއްޓުމެވެ. އަހަރެން މިއަދު ސަޢޫދީ އަރަބިއްޔާގެ ވެރިންނާއި ވާހަކަ ދެއްކީމެވެ. އީރާނުގެ ސަރުކާރު އިނދަޖެހުމާއެކު، ސަޢޫދީ ޢަރަބިއްޔާއާއި އިސްރާއީލާއި ގުޅުންތައް ބަދަހިކުރުމަށް (ނޯމަލައިޒް ކުރުމަށް) ބާރު ދުވެއްޔެއްގައި މަސައްކަތް ފެށޭނެ އެވެ.

ޔަހޫދީ އިޒްރޭލުގެ ވެރިޔާ ބެންޖަމިން ​ނަތަންޔާހޫ ވެސް ރޭގައި ބުނީ އޭނާ ސަޢޫދީ އަރަބިއްޔާއާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.
​އެހެންކަމުން އީރާނުގެ ސަރުކާރު އިނދަޖެހޭނެއެވެ. އަދި އެކަން ވުމުން، ދުވަހަކުވެސް މީހަކު ތަޞައްވަރު ނުކުރާ ފަދަ ޞުލްހައިގެ ދޮރެއް ހުޅުވިގެންދާނެއެވެ.

މި ހަނގުރާމައިގައި އީރާނު ބަލިވުމަށް އެދި ފާޅުގައި އެދި އެޚިޔާލު ފާޅު ކުރާ މީހުން މި ދިވެހި ރާއްޖޭގައިވެސް (މަދުން) އެބަ ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްލާމް ދީނާއި ކަނޑައެޅިގެން ޢަދާވަތްތެރި "ލާދީނީ" ފިކުރުގެ މީހުންނާއި އަދި ވަކިކަހަލަ ފިކުރެއްގެ މަތީގައި ބަނދެވިފައި ތިބޭ "ދީނީ" މީހުންނެވެ. ކަޅާއި ހުދާއި ދޭތެރޭގައި އެކި މިންވަރުގެ އަޅި ކުލަވެސް ހުންނަ ކަން ނޭނގޭ މީހުންނެވެ. މި މަސްލައިގައި ޔަހޫދީންނާއި، ޒަޔަނިސްޓުންނާއި، ލާދީނީ ސެކިއުލަރިސްޓުންނާއި މި ބުނެވުނު ވައްތަރުގެ "ދީނީ" މީހުން ތިބީ އެއްގަލަކަށް އަރައެވެ. ލާދީނީ މީހުން ރުޅި އަންނަނީ އީރާނުގައި އިސްލާމީ ނިޒާމެއްގެ ވެރި ކަމެއް އޮންނާތީއެވެ.

"ދީނީ މީހުން" ބުނަނީ ޝިޔަޢީންގެ އެންމެންނަކީ ގަނޑުކޮށް "ކާފަރުން" ކަމުގައެވެ. އެމީހުންގެ ވަކިވަކި ފަރުދުންގެ އިޢުތިގާދާއި ޢަމަލުތައް ދެނެގަނެ، "ހިތް ފަޅައިގެން ބަލައި" ޢަމަލުތައް ކިރައި ސުވަރުގެއަށާއި ނަރަކަޔަށް ބަހައި ހެދުމުގެ ޚާއްޞަ އިމްތިޔާޒަކާއި ބާރެއް މިބައި މީހުންނަށް ދެއްވާފައިވާ ކަހަލަ އެވެ. މިހެން ބުނުމުން އެމީހުންގެ މިވެނި ފޮތެއްގައި އެވެނި މީހަކު މިވެނިހެން ލިޔެފައި އެބައޮތޭ ބުނުމަކީ އެއީ އެ މީހުންގެ ޙުއްޖަތެވެ. ޙަގީގަތަކީ މި ދެ ބައިމީހުންނަކީ ވެސް ޙައްދު ފަހަނައަޅައި ގޮސްފައިވާ ބައެކެވެ.
އަހަރެމެންނަކީ ޙައްދު ފަހަނޭޅި މި ދެބައިމީހުންގެ ދޭތެރޭގައި މެދު މިނެއްގައި ތިބި މީހުންނެވެ. މި ދެބައިމީހުންނަކީ ވެސް ޒަޔަނިސްޓު އިސްރާއީލަށް ލިބިފައިވާ ރަން ޖަވާހިރުތަކެކެވެ!

ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.