ފުރަން ތައްޔާރުވެފައިވަނިކޮށް ޢުމްރާ ދަތުރު ކެންސަލް ކުރި މައްސަލައިގައި "އަލް އަބްރާރު" ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ހިފަހައްޓައިފި އެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޢުމުރާ އަށް މީހުން ގެންދިއުމަށް އ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މިނިސްޓްރީން ބުނީ އެކަމާ ގުޅޭގޮތުން އިތުރަށް ސާފު ކުރަން ޖެހޭ މަޢުލޫމާތުތަކާއި، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް ކުންފުންޏާ ދެކޮޅަށް އަޅާނެ ކަމަށެވެ.
އަ ލްއަބްރާރު" ކުންފުނީގެ ހަވާލުގައި އުމްރާ އަށް ދާން ފައިސާ ދެއްކި 110 މީހެއްގެ ފުރުން އެންމެ ފަހު ވަގުތު ކެންސަލްކުރުމާ ގުޅިގެން އެ މީހުން އުމްރާ ގެންދަން އެހީވެފައި ވަނީ ހައްޖު ކޯޕަރޭޝަންގެ ފަރާތުންނެވެ.
މިކަމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބުމާ ގުޅިގެން މިހާތަނަށް ސާފުކުރި މަޢުލޫމާތައް ބަލާއިރު، ޢުމްރާ ދަތުރު ކެންސަލްކޮށްފައިވަނީ ޤަބޫލުކުރެވޭ އެއްވެސް ސަބަބެއް ނެތި އަދި ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ޚިލާފަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އުމްރާ އަށް ގެންދަން ފައިސާ ނެގުމަށް ފަހު ރާއްޖޭގައި ލަނޑުދޭ ގްރޫޕްތަކުގެ މައްސަލަތައް މި ފަހުން ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ. މިފަދަ މައްސަލަތަކުގައި ބައެއް ގްރޫޕްތަކުގެ ހުއްދަ ވެސް ބާތިލުކޮށް، ޖޫރިމަނާ ވެސް ކޮށްފައިވ އެވެ. އަދި ކުރިން ލަނޑު ދީފައިވާ ގްރޫޕްތަކުގެ ބައެއް އިސް މީހުންނަށް ދައުވާ ވެސް ކޮށްފައިވެ އެވެ.