ކުރީގެ ރައީސް ޑޜ. މުހައްމަދު ވަހީދު ހަސަން މަނިކު، އެމެރިކާގެ ކުރީގެ ބޮޑު ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅުމް ބޭއްވި މައްސަލަ އެއްވެސް ފަރާތަކުން ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށާއި އަދި އެ މައްސަލަ އިސްވެ ފުލުހުން ވެސް ބަލަމުން ނުދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ އެއްވެސް މީހަކާ ގުޅޭ ޖިނާއީ އެއްވެސް މައްސަލައެެއް ރިޕޯޓްކޮށްފި ނަމަ އެކަން ބަލާނެ ކަމަށެވެ. ނަމަވެސް ވަހީދާ ގުޅޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށް ވިދާޅުވި އެވެ.
އެޕްސްޓީންއާ ވަހީދު ގުޅުންތަކެއް ބޭއްވި މައްސަލަ ފެންމަތިވެ، ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން އޭނަ ހުންނެވި މަގާމުން މިދިޔަ މަހުގެ 3 ގައި ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނަ ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއިއެއްގެ މަގާމުގަ އެވެ.
މި ހަފުތާގައި ރައީސް ބޭއްވި ނޫސް ކޮންފަރެންސެއްގައި ވަނީ ވަހީދު އިސްތިއުފާ ދެއްވީ އެ މަނިކުފާނު އަންގަވައިގެން ކަމަށް ވިދާޅުވި އެވެ. ރައީސްގެ ސްޕެޝަލް އެންވޯއިއަކަށް ވަހީދު އައްޔަންކުރީ މެއި 26، 2025 ގަ އެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ އެޕްސްޓީންގެ އީމެއިލް އަދި އެސްއެމްއެސް މުއާމަލާތްތަކުން އެނގޭ ގޮތުގައ އެޕްސްޓީންއާ ދެ ފަހަރެއްގެ މަތިން ވަހީދު ބައްދަލުކުރައްވާފައޮވެ އެވެ. އަދި ރާއްޖޭގެ ރަށްތަކެއް ވިއްކާލަން ހުށަހެޅުމާއި ފޮތަކަށް ފަންޑް ހޯދަން ވެސް އެޕްސްޓީން އަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.