ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވަމުން އަންނަ މަސްވެރިކަމުގެ "ބުރުނު ބޮމަ" މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މި މުބާރާތް ފުރަތަމަ ބޭއްވީ މިދިޔަ އަހަރު އެވެ.
މި އަހަރުގެ "ބުރުނު ބޮމަ" އޮންނާނީ ޖޫން މަހުގެ 13-15 އަށެވެ.
ވީއެމްސީން ބުނީ، މި މުބާރާތުގެ މަގުސަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚާއި މުއްސަނދި ސަގާފަތް ދުނިޔެއަށް ދައްކާލުމުގެ އިތުރުން، "ހައި-ވެލިއު އެޑްވެންޗާ ޓޫރިޒަމް" ނުވަތަ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަން އިޝްތިހާރުކުރުން ކަމަށެވެ.
އަދި މި އަހަރުގެ މުބާރާތް މިދިޔަ އަހަރުގެ މުބާރާތަށް ވުރެ ދެގުނަ ބޮޑުވާނެ ކަމަށް ބުންޏެވެ.
މި މުބާރާތް ކުރިއަށްދާނީ ބައިނަލްއަގުވާމީ ގޭމް ފިޝިން އެސޯސިއޭޝަން (އައިއެފްޖީއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް "ކެޗް އެންޑް ރިލީޒް"، ނުވަތަ މަސް ބޭނުމަށް ފަހު އަލުން ކަނޑަށް ދޫކުރުމުގެ އުސޫލުތަކަށް އިސްކަންދީގެންނެވެ.
މުބާރާތުގެ ތިން ދުވަހު ވެސް، ކޮންމެ ދުވަހަކު ފަތިހު 5:00 އިން ފެށިގެން އިރުއޮއްސި 6:30 އަށް މަސްވެރިކަމުގެ ހަރަކާތްތައް ކުރިއަށް ދާނެ އެވެ.
މުބާރާތުގެ އެންމެ މޮޅު ޓީމަށް 25،000 ޑޮލަރުގެ ފައިސާގެ އިނާމު ލިބޭނެ އެވެ. އަދި އެންމެ މޮޅު ކެޕްޓަނާއި އެންމެ މޮޅު މަސްވެރިޔާ ފަދަ މަގާމުތައް ވެސް ހޮވާނެ އެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފީއަކާ ނުލައި އަންނަ މަހުގެ ނިޔަލަށް އޮންނާނެ އެވެ. އަދި އޭގެ ފަހުން ރަޖިސްޓްރީވެވޭނީ ފީއެއް ދައްކައިގެން މެއި މަހުގެ ނިޔަލަށެވެ.