Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ހަނގުރާމަ އަށް ދިޔަ ދިވެހިންގެ ބަޔަކު ގެނެސްފި

ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ދިވެހިންގެ ބަޔަކު، ތުރުކީގައި ތާށިވެފައި ވަނިކޮށް މަޔަކާއި އޭނަގެ ދަރިޔަކު ރާއްޖެ ގެނެސްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ އެއީ 14 އަހަރުގެ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމަ ކަމަށެވެ. އެ މީހުން ރާއްޖެ ގެނެސް އެ މީހުންނަށް ކުރިއަށް ގެންދަން ޖެހޭ ރީއިންޓަގްރޭޝަން ޕްރޮގްރާމްތައް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ހަނގުރާމަވެރި އެކި ސަރަޙައްދުތަކަށް ގޮސް އަނބުރާ ނާދެވި، ތާށިވެފައި ތިބި ދިވެހިންނާއި ހަނގުރާމަތަކުގައި އެކި ގޮތްގޮތުން ބައިވެރިވެފައި ތިބި ފަރާތްތަކުގެ އިތުރުން، ހަނގުރާމައިގައި ބައިވެރިވާން ދިޔައިރު އެކުގައި ގެންދިޔަ އާއިލާގެ މީސްމީހުން ރާއްޖެ ނާދެވިފައި ތިބި މައްސަލަ ނިމުމަކަށް ގެނައުމުގެ މަސައްކަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ފައްޓަވާފައިވާ ކަމަށެވެ.

އެގޮތުން މީގެ ކުރިން 23 މީހަކު ވަކިން ރީއިންޓަގްރޭޓްކޮށްފައިވާ ކަމަށާއި އޭގެ އޭގެ ފަހުން ވެސް ސީރިޔާގެ ދެ ސަރަހައްދެއްގައި ތާށިވެފައި ތިބި 6 0އެއްހާ މީހުން ގެނައުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި މިހާރު ވެސް އެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.