ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތެރޭގައި އެސްޓީއޯ އިން ހުޅުވާ ބޭސް ފިހާރަ ފެބްރުއަރީ މަހު ކުރީ ކޮޅު ހުޅުވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކުރިން މި މަހުގެ 16 ވަނަ ދުވަހު ހުޅުވަން ބުނި ބޭސްފި ހާރަ ހުޅުވުން ލަސްވި ސަބަބެއް އެސްޓީއޯއަކުން ނުބުނެ އެވެ. އައްޑޫގައި އެސްޓީއޯ އިން ހުޅުވާ ބޭސް ފިހާރަތަކަށް ބޭނުންވާ މުވައްޒަފުން ވެސް ވަނީ ނަގާފައެވެ. އަދި އެ މުވައްޒަފުންނަށް ދޭން ޖެހޭ ޓްރެއިނިން ވެސް ދީ ނިމިފަވާ ކަމަށް އެސްޓިއޯ އިން ބުންޏެވެ.
ކުރިން އެސްޓީއޯ އިން ބުނެފައި ވަނީ ހިތަދޫގައި ބޭސް ފިހާރަ ހުޅުވާ އިރު ހުޅުމީދޫގެ ބޭސް ފިހާރަ ހުޅުވާނެ ކަމަށެވެ. ނަމަވެސް އެސްޓީއޯ އިން ބުނީ ފެބްރުއަރީ މަހު އެ ބޭސް ފިހާރަ ނުހުޅުވޭނެ ކަމަށެވެ.
"ހޫޅުމީދޫ ސިއްހީމަރުކަޒުގެ ތެރޭގައި ހުޅުވާ ބޭސްފިހާރައަށް ކުޑަ މަރާމާތެއް ގެންނަން ޖެހޭ. އެހެންވެ ކުޑަ ލަސްވުމެއް އުޅެނީ." އެސްޓިއޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
އާސަންދަގެ ޚިދްމަތާ އެކު ހުޅުވާ މި ބޭސް ފިހާރައިން މާލޭގެ އެސްޓީއޯ ބޭސް ފިހާރަތަކުން ލިބެން ހުރި ހުރިހާ ބޭހެއް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އައްޑޫގައި އާސަންދައިގެ ދަށުން ބޭސް ލިބެނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ހިންގާ ބޭސް ފިހާރައިން އާއި މަރަދޫފޭދޫ އެފްއެންޑްސީ ބޭސް ފިހާރަ އިން އެކަންޏެވެ.