ރާއްޖެއަށް ބޭސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު މުޅިން އަލަށް 363 ބޭހެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ބުނީ މިދިޔަ އަހަރު ބޭހުގެ ތާށިކަން ކުރިމަތިވުމުން އެ މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިދިޔައަހަރު ޖުމްލަ 594 ބޭހެއް ރަޖިސްޓްރީކުރުމަށް ހުށަހެޅި އޭގެ ތެރެއިން 363 ބޭހެއް ރާއްޖޭގައި ހުއްދަކުރާ ބޭހުގެ ލިސްޓުގައި ހިމަނާފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އެތަނުން ބުނީ މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުގައި އެ އިދާރާއިން ހުއްދަ ދީގެން 445 ފާމަސީއެއް ހިންގަމުން އަންނަ އިރު އެކި މައްސަލަތައް މެދުވެރިގެން 33 ފާމަސީއެއްގެ ހުއްދަ ބާތިލުކުރި އެވެ. އަދި އަލަށް 20 ފާމަސީއަކަށް ހުއްދަ ދީފައިވެ އެވެ.
ރާއްޖޭގައި ހިންގަމުން އަންނަ 445 ފާސަމީގެ ތެރެއިން 270 ތަނަކީ އަތޮޅު ތެރޭގައި ހުރި ތަންތަނެވެ. މާލެ ސަރަހައްދުގައި އެމްއެފްޑީއޭގެ ހުއްދައާއެކު ހިންގަމުން އަންނަނީ 175 ފާމަސީއެކެވެ.
މިވަގުތު ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ ދީފައި ވަނީ 63 ފަރާތަކަށެވެ. މިދިޔަ އަހަރު އަލަށް 15 ފަރާތަކަށް ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ އެމްއެފްްޑީއޭއިން ދިނެވެ.