Last Updated: June 5, 18:06
Friday, June 5, 2026
ދުނިޔެ

ނޭޕާލްގެ އާންމު އިންތިހާބު ފަށައިފި

ނޭޕާލްގެ އާންމު އިންތިހާނު މިއަދު ފަށައިފި އެވެ.

މި އިންތިހާބުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 275 ގޮނޑިއަކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. ސަރުކާރެއް އެކުލަވާމުލގެ ފުރުސަތު ލިބޭނީ މަދުވެގެން 138 ގޮނޑި ކާމިޔާބުކުރާ ބަޔަކަށެވެ.

މި އިންތިހާބުގައި 65 ޕާޓީއަކުން 3،400 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

އޭގެ ތެރޭގައި އެ ގައުމުގެ އެންމެ ދުވަސްވީ ޕާޓީ، ދަ ނޭޕާލީ ކޮންގްރެސްގެ ފަރާތުން ގަގަން ތާޕާ، 49، ވާދަ ވެސް ކުރައްވާ އިރު، ސިޔާސީ މައިދާނަށް ނުކުތް ކުރީގެ މާއޮއިސްޓް ހަނގުރާމަވެރިން ހިމެނޭ ނޭޕާލީ ކޮމިއުނިސްޓް ޕާޓީ (އެންސީޕީ) ވެސް ހިމެނެ އެވެ.

އިންތިހާބުގައި އެންމެ ކުރީގައި އުޅެނީ ރާސްޓްރިޔާ ސްވަތަންތުރާ ޕާޓީ (އާރްއެސްޕީ) އެވެ. އެ ޕާޓީގެ ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވަނީ މަޝްހޫރު ރެޕް ފަންނާނެއް ކަމަށްވާ ބާލަންދްރަ ޝާހް އެވެ.

ނޭޕަލްގެ އިލެކްޝަން ކޮމިޝަނުން ބުނީ ވޯޓްލާ ފަށާނީ ހެނދުނު 7:00 ގައި ކަމަށާއި ހަވީރު 5:00 އާ ހަމައަށް ވޯޓްލުން ކުރިއަށްދާނެ ކަމަށެވެ. އިންތިހާބަށް 23،000 އަށް ވުރެ ގިނަ ވޯޓުލާ މަރުކަޒު ގާއިމުކޮށްފައިވެ އެވެ. އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެއްޓުމަށް 300،000 އަށް ވުރެ ގިނަ ސިފައިން ހަރަކާތްތެރިވަމުން އަންނަ އިރު، އިންތިހާބު ކުރިއަށް ދަނީ ސުލްހަވެރިކަމާ އެކު ކަމަށް އެ ގައުމުގެ އީސީން ބުންޏެވެ.

ނޭޕާލްގެ އާންމު އިންތިހާބުގައި 19 މިލިއަން މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވާ އިރު، އޭގެ ތެރޭގައި އަލަށް ވޯޓްލާ އާބާދީ މިލިއަނަކަށް ވުރެ ގިނަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ 275 ގޮނޑީގެ ތެރެއިން 19 165 ގޮނޑިއަށް މެމްބަރުން ހޮވާނީ ފަސްޓް ޕާސްޓް އުސޫލުންނެވެ. އަދި ބާކީ 110 ގޮނޑިއަށް މެމްބަރުން ހޮވާނީ ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަންގެ ތެރެއިންނެވެ.

ނޭޕާލްގެ މި އިންތިހާބަކީ އެ ގައުމުގެ ޒުވާނުން މިދިޔަ އަހަރު ކުރި ވަރުގަދަ މުޒާހަރާތަކުގެ ފަހުން ބާއްވާ ފުރަތަމަ އިންތިހާބެވެ.