މި މަހުގެ ތެރޭގައި އިތުރު 31 ރަށަކަށް އެމްބިއުލާންސް ފޮނުވާނެ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ އަތޮޅުގެ ހޮސްޕިޓަލްތަކަށާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެމްބިއުލާންސް ފަދަ ވަސީލަތްތައް ހަމަކޮށް ދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
އެގޮތުން މިދިޔަ މަހުގެ ތެރޭގައި ވެސް 56 ރަށަކަށް އެމްބިއުލާންސް ފޮނުވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ނާޒިމު ވިދާޅުވީ މި މަހުގެ ތެރޭގައި ދެ ބުރަކަށް ބަހާލައިގެން އެމްބިއުލާންސް ރަށްރަށަށް ފޮނުވާނެ ކަމަށެވެ. އަދ އާބާދީ ބޮޑެތި ހިސާބުތަކަށް އަމާޒުކޮށް ޕެރަމެޑިކް އެމްބިއުލާންސްތަކެއް ހޯދަމުން އަންނަ ކަމަށާއި، އެތަކެތި އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަންނަ ހަފުތާގައި ސާދަ ރަށަކަށް އެމްބިއުލާސް ފޮނުވާނެ. އަދި މަހުގެ ފަހުކޮޅު އިތުރު ސަތާރަ ރަށަކަށް އަޅުގަނޑުމެން އެމްބިއުލާންސް ފޮނުވާނަން، ނާޒިމް ވިދާޅުވި އެވެ. "އަދި ބޮޑެތި އާބާދީތަކަށް ޚާއްސަކޮށް ގެންނަ ޕެރަމެޑިކް އެމްބިއުލާންސްތަކެއް އަންނަ މަހު ލިބޭނެ."
މިނިސްޓަރު ވިދާޅުވީ އެމްބިއުލާންސްތަކަށް ދިމާވާ މައްސަލަ އަވަހަށް ޙައްލު ކުރުމަށްޓަކައި މަރާމާތުގެ މަސައްކަތްތަކަށް ދިގު މުއްދަތަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.