Last Updated: June 5, 18:06
Friday, June 5, 2026
މުނިފޫހިފިލުވުން

ދުބާއީގައި ތާށިވެފައިވާ މީހުންނަށް ސޯނޫގެ އެހީ

އިޒްރޭލުން އިރާނަށް ދޭން ފެށި ހަމަލާތަކާ ހެދި މެދުއިރުމަތީގެ މަސްރަހު މިހާރު ވަރަށް ބޮޑަށް ގޯސްވެ، ދުބާއީގައި ތާށިވެފައިވާ އެހެން ގައުމުތަކުގެ މީހުންނަށް އިންޑިއާގެ ފިލްމީ ތަރި ސޯނޫ ސޫދުގެ ފަރާތުން ހިލޭ އެކޮމޮޑޭޝަން ހަމަޖައްސައި ދޭން ފަށައިފި އެވެ.

މިކަން ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ހިއްސާކޮށް އޭނަ ބުނީ އެނބުރި ގައުމަށް ނުދެވި ތާށިވެފައި އެއްވެސް މީހަކު ހުރި ނަމަ އެ މީހަކު އިންސްޓަގްރާމުން މެސެޖްކޮށް ދޭން އެދޭ ކަމަށެވެ. އަދި ކޮންމެ ގައުމެއްގެ މީހަކަށް ވިޔަސް ހިލޭ އެކޮމޮޑޭޝަން ހަމަޖައްސައި ދޭނެ ކަމަށް ސޯނޫ ބުންޏެވެ.

އޭނަ ބުނީ މިއީ އިންސާނިއްޔަތަށްޓަކައި ފެށި ކަމެއް ކަމަށެވެ.

ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނުގެ ފިލްމުތަކުގައި މަސައްކަތްކުރާ ސޯނޫ އަކީ ކޮވިޑްގެ ތެރޭގައި އެތައް ގޮތަކުުން އިންޑިއާގެ އެތައް ބަޔަކަށް އެހީވެ، މިހާރު ވެސް އެކި ކަންކަމުގެ ބޭނުމަށް ޖެހިފައިވާ މީސްމީހުންނަށް އެހީވަމުން އަންނަ ތަރިއެކެވެ. އޭނަ އިންސާނިއްޔަތަށްޓަކައި ފެށި މި މަސައްކަތް ފާހަގަކޮށް އިންޑިއާގެ އިތުރުން ބޭރުގެ އެކިއެކި ޖަމާއަތްތަކުން ވެސް އަގުޒަން ކުރަން އެވޯޑްތައް ވެސް ދީފައިވެ އެވެ.

އޭގެ ތެރޭގައި އދ. ވެސް ހިމެނެ އެވެ.