އިސްލާމީ މަންހަޖުގެ މަތީގައި ޤާއިމްވެފައިވާ ތަރުބިއްޔަތަކީ ނަފުސުގެ އަމާންކަމާއި ހަމަޖެހުމަށް ވަރަށް ގިނަ ކަންތައްތަކެއް ފޯރުކޮށްދޭ އެއްޗެކެވެ. އެއީ އިސްލާމީ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވާ މީހަކަށް އެހެން އެއްވެސް މީހަކަށް ނުލިބޭ ހިތުގެ ހަމަޖެހުން ލިބޭނެ އެވެ. ﷲ ތަޢާލާ ޚަލްޤުތަކުން ޚަލްޤު ކުރެއްވީ އެއިލާހަށް އަޅުވެތިވުމަށެވެ. އެއިލާހު ދެނެގަތުމަށާއި އެއިލާހަށް ތައުބާވުމަށާއި، އެއިލާހު ދެކެ ލޯބިވުމަށާއި އެއިލާހަށް އިޚްލާޞްތެރިވުމަށެވެ.
ހިތްތަކުގެ ހަމަޖެހުން ވަނީ އެއިލާހު ހަނދުމަކުރުމުގަ އެވެ. ނަފުސުތަކުގެ ހަމަޖެހުން ވަނީ އެ އިލާހު ހަނދުމަ ކުރުމުގަ އެވެ.
އީމާންކަމުގެ މަތީގައި ނަފުސު ތަރުބިއްޔަތު ކުރުމުން، ނަފުސަށް އޭގެ އަމާންކަން ހޯދައިދެވެ އެވެ. އެހެނީ މުއުމިނު އަޅާ އީމާންވާ ގޮތުގައި އޭނާ ނުރުހޭ ކަމެއް ވެސް އެއީ އޭނާ އަށް ފައިދާހުރި ކަމެއް ކަމުގައި ވެދާނެ އެވެ. އަދި އޭނާ ކިތަންމެ ލޯބިވާ ކަމެއް އެއީ ފައިދާ ނެތް ކަމެއް ކަމުގައި ވެދާނެ އެވެ. އޭނާގެ މައްޗަށް ވަނީ ﷲ ގެ ޤަޟާއާއި ޤަދަރަށް ރުހި ޤަބޫލުވުމެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެ އެވެ.
(وَعسَى أن تَكرَهُوا شَيْئًا وَهُو خيرٌ لَكُمْ وعَسى أن تُحبُّوا شَيْئًا وهُو شَرٌّ لَكُمْ وَاللهُ يَعلمُ وأَنتُم لا تَعلَمونَ) [البقرة 216]
މާނައީ: “އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ.”
އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެ އެވެ.
“މި އާޔަތުގައި ބައިވަރު ޙުކުމްތައް ވެއެވެ. އަދި އަޅުތަކުންގެ މަޞްލަޙަތުތަކާއި ސިއްރުތައްވެސް ވެއެވެ. ފަހެ އަޅާއަށް އޭނާ ނުރުހޭ ކަމެއް ލާބަ ހުރި ކަމެއްކަމުގައި ވެދާނެކަން އެނގިއްޖެނަމަ އަދި އޭނާ ރުހޭ ކަމެއް އެއީ އޭނާއަށް ފައިދާ ހުރިކަމެއްކަމުގައި ނުވެދާނެކަން އެނގޭނަމަ އޭނާ އެކަން ކުރާނެއެވެ. އެހެނީ އޭނާއަށް އެކަމުގެ ނިމުން ވަނީ ކޮންގޮތަކަށް ކަމެއް ނޭނގެއެވެ. ފަހެ މިކަންތައްތަކުގައި އަޅުތަކުންނަށް ނޭނގޭ އެތައް ކަމެއް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ﷲ ތަޢާލާ އަހަރެމެންގެ މައްޗަށް ކުރައްވާފައިވާ އަމުރުތަކަކީ އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަންކަމެވެ. އެފަދަ އަމުރުތަކަށް ކިޔަމަންގަތުން ފަށައިގަތުމުގައި ބުރަކަން އެކުލެވިފައިވީ ނަމަވެސް އެކަމުގައި ވަނީ މަންފާއެވެ. އެހެނީ އެކަމުގެ ނިމުމުގައި ވަނީ ހެވެވެ. އޭނާގެ ނަފުސު ކިތަންމެ ވަރަށް އެކަމަށް ނުރުހުނު ކަމުގައިވިޔަސް އެކަން ނިމިގެންދަނީ އޭނާއަށް ހެޔޮވެގެންވާ އަދި ފައިދާބޮޑު ގޮތުގައެވެ. އެހެންކަމުން އިންސާނަކަށް ކުރެވޭނެ އެންމެ ގެއްލުންބޮޑު ކަމަކީ ﷲ ތަޢާލާ ނަހީކުރައްވާފައިވާ ކަމަކަށް އަރައިގަތުމެވެ. ފަހެ އެކަމުގެ ނިމުމުގައި ވަނީ ވޭނާ ހިތާމަޔާއި ހިތްދަތިކަމާއި މާޔޫސްކަމާއި މުޞީބާތެވެ. ހަމައެފަދައިން މިފަދަ ކަންތައްތަކަށް ކެތްތެރިވެ، ﷲ ތަޢާލާގެ ޤަޟާއާއި ޤަދަރަށް ރުހިއްޖެނަމަ އޭނާއަށް މަތިވެރި ދަރަޖަލިބެއެވެ. އަދި ނަފުސު ހިތްހަމަޖެ އެވެ.”
އެހެން ގޮތަކުން ބަލާ ނަމަ، އިންސާނާއި އޭނާގެ ނަފުސުގެ ހިތްހަމަޖެހުމާ މެދު ހުރަސް އަޅާ އެންމެހާ ކަންތައްތައް އިސްލާމީ ތަރުބިއްޔަތުގެ ސަބަބުން ދުރުވެގެން ދެ އެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.