Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ބޭންކު ފަންޑުގެ ދަށުން ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި މަލްޓި މީޑިއާ ސްޓޫޑިއޯއެއް ހުޅުވައިފިއެވެ.

ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި މަލްޓި މީޑިއާ ސްޓޫޑިއޯއެއް ހެދީ ބީއެމްއެލުން މިދިޔަ އަހަރު ދޫކުރި ބޭންކް ފަންޑު ކާމިޔާބުކުރި ފަރާތެއް ކަމަށްވާ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ (ޔޫއައިއެސް) އިންނެވެ.

ޔޫއައިއެސްއަކީ ކުޑަހުވަދޫގެ ޖަމިއްޔާއެކެވެ.

ބީއެމްއެލުން ބުނި ގޮތުގައި މި މަލްޓި މީޑީއާ ސްޓޫޑިއޯ ގާއިމުކޮށްފައި ވަނީ ޕްރޮފެޝަނަލް ކެމެރާ އާއި ލައިޓިން ކިޓް، އޯޑިއޯ ރެކޯޑު ކުރާނެ ވަސީލަތްތަކާއި އެޑިޓިން ކޮމްޕިއުޓަރު އަދި ސްޓްރީމިން ހާޑްވެއާ ވެސް ހިމަނައިގެންނެވެ.

ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ދަރިވަރުން މިހާރުވެސް މީޑިއާ ކްލަބެއް ހިންގައެވެ. އެހެން ނަމަވެސް މި ކްލަބްގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ދަތިކަން ފާހަގަކުރާ ކަމަށް ބޭންކުން ބުންޏެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޔޫއައިއެސް ގެ އަމާޒަކީ، މިސެންޓަރު މެދުވެރިކޮށް މީޑީއާ ދާއިރާގައި ދަރިވަރުންގެ ހުނަރާއި ތަޖުރިބާ އިތުރުކުރުމެވެ. އެގޮތުން ދަރިވަރުންނަށް ވީޑިއޯ އުފެއްދުމަށާއި އިވެންޓް ބްރޯޑްކާސްޓްކުރުމަށާއި ވީޑިއޯ ރިޕޯޓް ހެދުމަށާއި އެ މަރުކަޒުގެ ރަސްމީ ޔޫޓިއުބް ޗެނަލަށް ތައުލީމީ ކޮންޓެންޓް އުފެއްދޭނެ ތަމްރީނުދޭ އަދި އުފެއްދުންތެރި މަރުކަޒެއްގެ ގޮތުގައި މިތަން ބޭނުން ކުރެވޭނެއެވެ.

މީގެ އިތުރުން މި މަރުކަޒުގެ ހިދުމަތް ރަށުގެ އެހެން އޮފީސްތަކަށާއި ކައިރި ރަށްރަށަށް ވެސް ފޯރުކޮށްދީ ގުޅިގެން މަސައްކަތް ކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

މި ސްޓޫޑިއޯ ބަލަހައްޓާނީ ސްކޫލާއި ޔޫއައިއެސް ޖަމިއްޔާގެ ހާއްސަ ޓީމަކުންނެވެ. އަދި މިތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި އާމްދަނީ ލިބޭނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ގަވާއިދުން ތަމްރީނު ދިނުމާއިއެކު އެކަށީގެންވާ ގޮތެއްގައި ތަން ބެލެހެއްޓޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.

ބޭންކް ފަންޑަކީ ތައުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމައު ކުރިއެވުމަށް މަޝްރޫއުތައް ހިންގުމަށް ބޭންކު ފަންޑަށް އެދި ހުށަހަޅާ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ހޮވާލާ ކޮންމެ ޖަމިއްޔާއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ލިބޭ ފަންޑެކެވެ.