އެމްއެމްއޭގައި ގާއިމުކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަގާމަށް މުޙައްމަދު އިޝާން މިއަދު އައްޔަންކުރައްވައިފި އެވެ.
އިޝާން މީގެ ކުރިން ހުންނެވީ އެމްއެމްއޭގެ ހެޑް އޮފް ފައިނޭންސްގެ މަގާމުގައެވެ.
އެމްއެމްއޭ އިން ބުނީ މި މަގާމަށް އޭނާ ހޮވިވަޑައިގަތީ އެފްއައިޔޫގެ އިސްވެރިޔާގެ މަޤާމަށް ކުރިމަތިލުމަށް އެމްއެމްއޭގެ މުވައްޒަފުންގެ ތެރެއިން ހުޅުވާލުމުން އެ މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އިންޓަވިއުކޮށްގެން ކަމަށެވެ.
އިޝާންއަކީ ތައުލީމީ އަދި ތަޖުރިބާކާރު ޗާޓަރޑް އެކައުންޓަންޓެކެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީއައިއެމްއޭ) ގެ އެސޯސިއޭޓް މެންބަރެއްގެ އިތުރުން، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ އެފިލިއޭޓް މެންބަރެއްވެސް މެއެވެ.
އެމްއެމްއޭއާ 2014 ގައި ގުޅިވަޑައިގެންނެވި އިޝާން ވަނީ އެ މުއައްސަސާގެ އިސް އެކި މަގާމުތައް ފުރުއްވާފައެވެ. މީގެ ތެރޭގައި ހެޑް އޮފް ކޯޕަރޭޓް އެކައުންޓްސް ސެކްޝަނާއި، ހެޑް އޮފް ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން ހިމެނެއެވެ.
މި މަގާމުތަކުގައި އޭނާ ވަނީ މާލީ ކަންކަން ބެލެހެއްޓުމާއި މުއައްސަސާގެ އެތެރޭގެ ހިންގުމުގެ މުހިންމު ޒިންމާތަކެއް އުފުއްލަވާފައެވެ.