އެމްޑީޕީ މިހާރު ބަދަލުވެގެން ދަނީ ފިނޑި ފިނދަނަ ތަކަކަށް ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭނަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ޕީއެންސީގެ ބެނާތަކެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާ ޝުޖާއު ވަނީ އެމްޑީޕީގެ ކުލަ ފަނޑުވެފައިވާ ކަމަށާއި އެ ޕާޓީ މިހާރު ބަދަލުވެގެން ދަނީ ފިނޑި ފިނދަނަތަކަކަށް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ރަންރީނދޫ ކުލަ ގެއްލިއްޖެ ކަމަށާއި، ރައްޔިތުންގެ މަޤުބޫލުކަން އެޕާޓީއަށް ގެއްލިފައިވާ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ ކެމްޕޭނު ފޯރި ކެނޑި މަޤުބޫލުކަން ގެއްލެންފެށި ހިސާބަކީ އެ ޕާޓީގެ މިހާރުގެ ޗެއާޕާސަން ހަނިމާދޫ ދާއިރާގެ މަޖްލިސް މެންބަރު އަބްދުލް ގަފޫރު މޫސާ އެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވި ހިސާބުންނެވެ.
"މިހާރު އެމްޑީޕީ މިފެންނަނީ ވަގު ހިޔަޅުތަކެއް އުޅޭގޮތަށް އުޅޭތަން. ޗެއާޕާސަނަކަށް ޢަބްދުލް ޤަފޫރު އައި ހިސާބުން އެމްޑީޕީ ގެ ކުލަ ފަނޑުވެއްޖެ. ރައްޔިތުންގެ ތާޢީދު ބޮޑުތަނުން ޕާޓީއަށް ގެއްލިއްޖެ" ޝުޖާއު ވިދާޅުވި އެވެ.
މީގެއިތުރުން ޝުޖާއު ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއިއެކު މަޖިލިސް އަދި ރިޔާސީ އިންތިޚާބު އެެއްދުވަހަކު ބޭއްވުމަށް ނަގާ ވޯޓަށް ރައްޔިތުން ތާއީދުކޮށްދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.