Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކުތަކުގައި މި ވަގުތު ތިބި އޮފިސަރުންނަށް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަކުރެއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުޅުވާލާފައި މި ވަނީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ރިޓަޔަކުރެއްވުމާއި ގުޅިގެންނެވެ.

ނަވީން ރިޓަޔަރ ކުރެއްވުމުން އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއެވެ.