Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އެމްއެންޔޫގެ ކެމްޕަހެއް އޭދަފުށީގައި ހަދަން ފަށައިފި

ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއް ބ. އޭދަފުށީގައި އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އޭދަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު އެވެ.

މިއީ އަތޮޅުތެރޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

މި މަޝްރޫޢުގެ ދަށުން 6،000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ބުރި ހިމެނޭ ގޮތުނ،ް ދަރިވަރުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހަދަށް ހަމަޖެހިފައިވެއެވެ. އަދި 3،200 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ބުރި ހިމެނ،ޭ މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކަކާއި 3،000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ބުރީގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް ވެސް ހަދާނެ އެވެ.

މީގެ އިތުރުން 4،000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ބުރީގެ ކްލާސްރޫމް ބްލޮކެއް ހެދުމާއ،ި 4،000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ބުރީގެ އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.

މަސައްކަތް ފަށާތާ 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއުގެ އަގަކީ 80.79 މިލިއަން ރުފިޔާ އެވެ.