Last Updated: June 7, 13:49
Sunday, June 7, 2026
ދުނިޔެ

އިރާނުގެ އާ ލީޑަރު ހޮވުމުގައި އެމެރިކާގެ ބައިވެރިވުން އޮންނަންޖެހޭ

އިރާނުގެ އާ ސުޕްރީމް ލީޑަރު ހޮވުމުގައި އެމެރިކާގެ ބައިވެރިވުން އޮންނަންޖެހޭނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާއެއްގައި މިދިޔަ ހޮނިހިރު ދުވަހު އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފަ އެވެ. އެ މަގާމަށް ދެން ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ހާމަނާއީގެ ދަރިކަލުން މުޖުތަބާ ހާމަނާއީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އާ ސުޕްރީމް ލީޑަރު ހޮވުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ޓްރަމްޕް މިއަދު ވިދާޅުވީ އިރާނުގެ އާ ސުޕްރީމް ލީޑަރަކަށް ހާމަނާއީގެ ދަރިކަލުން ބަލައިނުގަންނާނެ ކަމަށާއި އެ މަގާމަށް ބޭނުންވަނީ އިރާނަށް ހަމަޖެހުން ގެނެސްދޭނެ ފަރާތެއް ކަމަށެވެ. އަދި ވެނެޒުއެލާގެ އާ ލީޑަރު ހޮވުމުގައި އެމެރިކާގެ ބައިވެރިވުން އޮތް ގޮތަށް، އިރާނުގެ އާ ލީޑަރު ހޮވުމުގެ މަރުހަލާގައި ވެސް އެމެރިކާގެ ބައިވެރިވުން އޮންނަންޖެހޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އިރާނުގެ ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ލީޑަރު އިންތިހާބު ކުރާނީ 88 ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ "އެސެމްބްލީ އޮފް އެކްސްޕާޓްސް" އިންނެވެ. މި މަޖިލީހުގެ އަގުލަބިއްޔަތުން އާ ލީޑަރަކު ކަނޑައަޅާނެ އެވެ.

އީރާންގެ އެންމެ އިސް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އަދި ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކީ ވެސް އެއީ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.