ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް ދިނުމަށާއި ތަފާތު އޭރުން ފެންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ އައްޑޫ ސިޓީ މާލޭ ސަރަހައްދުގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ އައްޑޫ ކައުންސިލްގެ މެޖޯރިޓީ ގިނަ ދުވަސްތަކެއް ވަންދެން މިހާރު އޮތީ އެމްޑީޕީއަށް ކަމަށާއި ނަމަވެސް އެ މެޖޯރިޓީ އޮވެ އައްޑޫ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާކަން އައްޑޫ ރައްޔިތުން ހެކިވާނެ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުގައި އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ އޮތްކަން ވެސް ފާހަގަކުރައްވަމުން ޝިޔާމް ވަނީ އެމްޑީޕީގެ ކައުންސިލަރުން މިއަދު ދައުރު ނިމެން ކައިރިވުމުން ކަރަންޓު ކެނޑޭ ވާހަކަ އާއި މަގުތަކުގެ ވާހަކަ ދެއްކުމަކީ އަޖައިބެއް ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫއިން ޕީއެންސީއަށް މެޖޯރިޓީ ދިން ގޮތަށް ކައުންސިލްގެ މެޖޯރިޓީ ވެސް ދީފިނަމަ ތަފާތު ފެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި މެޖޯރިޓީ ރައްޔިތުންގެ މަޖިލީހާއެކީގައި އައްޑޫ ސިޓީގެ ކައުންސިލް ދެއްވާށޭ. ތަފާތު އިރާދަކުރެވިއްޔާ ފެނިވަޑައިގަންނަވާނެ،" ޝިޔާމް ވިދާޅުވި އެވެ.
މުޅި ރާއްޖޭގެ ތަރައްގީއަށް ރައީސް މުއިއްޒުގެ ތަސައްވުރެއް އެބައޮތް ކަމަށާއި އޭގެތެރެއިން އެންމެ ބޮޑު އެއް އިސްކަމެއް ދީފައި އޮތް ސިޓީއަކީ އައްޑޫ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެގޮތުން އައްޑޫގައި ހުރި ޒަމާންވީ މައްސަލަތައް ހައްލުކުރުމަށް ކުރަން ހުރި ކަންކަން ގިނަ ކަމަށާއި އެމްޑީޕީން ވެރިކަން ނިންމާލާފައި ދިޔައީ ވައްގަނޑު ހުސްކޮށްލާފައި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު ގެންދަވަނީ ތަރައްގީގެ ކަންކަމަށް ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖައްސަމުން ކަމަށާއި އެގޮތުން އައްޑޫއަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދަވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބަށް ޕީއެންސީ ވަރަށް ފޯރީގައި ކެމްޕޭން ކުރަމުން އަންނަ އިރު، އެ އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.