އައްޑޫ ސިޓީ ތަރައްގީ ވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ކަމަށް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ އައްޑޫ ސިޓީ މާލޭ ސަރަހައްދުގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އައިބީ ވިދާޅުވީ އައްޑޫ އަކީ މާލެ ފިޔަވާ ސިޓީއެއްގެ ދަރަޖަ ލިބުނު ފުރަތަމަ އަތޮޅު ކަމަށާއި ނަމަވެސް އެއަށް ވުރެ ފަހުން ސިޓީއެއްގެ ދަރަޖަ ލިބުނު އަތޮޅުތައް ހުރިހާ ގޮތަކުން ވެސް އެތައް ތަނަކުން ކުރިއަރައިގެން ގޮސްފައިވާތަން ފެނިގެން ގޮސްފައިވާ ކަމަށެވެ. މިހެން މިކަން ދިމާވީ ނާގާބިލު މޭޔަރުން އައްޑޫ އަށް އައްޔަންކުރެވުމުން ކަމަށް އައިބީ ވިދާޅުވި އެވެ.
އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން މަސައްކަތް ނުކުރާ ވާހަކަ ދައްކަން އައްޑޫގެ މިހާރުގެ މޭޔަރު އަލީ ނިޒާރު ދައްކަން ލަދުގަންނަންޖެހޭނެ ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި އައްޑޫގެ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް ކުރިނަމަ، މިއަދު އައްޑޫ އޮންނާނީ ތަރައްގީވެފައި ކަމަށް އައިބީ ވިދާޅުވި އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އައްޑޫގައި އެކަށީގެންވާ ގޮތުގައި ފެނާއި ކަރަންޓެއް ނެތް ކަމަށާއި އަދި މަގުތައް ވެސް ހަދާފައި ހުރީ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް މަސައްކަތް ފެށުމުން ކުރަމުންދާ ޖެއްސުމާއި ފުރައްސާރަ މުޅި އައްޑޫ ރައްޔިތުންނަށް އިހުސާސްވަމުންދާ ކަމަށާއި މިފަހަރުގެ ކައުންސިލް އިންތިހާބުގައި އައްޑޫ ކައުންސިލަށް ބަދަލެއް ގެންނަންޖެހޭ ކަމަށެވެ.
"ރައީސް މުއިއްޒުގެ ޒައާމަތުގައި އައްޑޫ ތަރައްގީ ވާނީ. އަޅުގަނޑުމެންގެ ރައީސްގެ ގަޓު އެބަހުރި، ހުނަރު އެބަހުރި. އެމަނިކުފާނަކީ ތަޖުރިބާ ހުންނެވި ބޭފުޅެއް،" އައިބީ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބަށް ޕީއެންސީ ވަރަށް ފޯރީގައި ކެމްޕޭން ކުރަމުން އަންނަ އިރު، އެ އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.