Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އައްޑޫގައި އޮތް އެމްޑީޕީގެ ރަސްކަން މިފަހަރު ނިމޭނެ

އައްޑޫ ސިޓީ ކައުންސިލްގައި އޮތް އެމްޑީޕީގެ ރަސްކަން މިފަހަރު ނިމުމަކަށް އަންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ އައްޑޫ ސިޓީ މާލޭ ސަރަހައްދުގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ އައްޑޫ ކައުންސިލްގެ މޭޔަރާއެކު މެޖޯރިޓީ އޮތީ އެމްޑީޕީއަށް ކަމަށާއި ނަމަވެސް މި މެޖޯރިޓީއާއެކު އައްޑޫ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށެވެ.

"ދެން ކޮން ކަމެއް ރަނގަޅު ކުރާ ވާހަކަތޯ މިދައްކަނީ އަނެއްކާ؟ އައްޑޫ ސިޓީގައި މި މޭޔަރުން މެޖޯރިޓީއާއެކީގައި ތިބެއްޖެ އެމްޑީޕީގެ ސަރުކާރުގައި. އެމްޑީޕީގެ ސުޕަ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގަ އޮތްއިރުގަވެސް ހަމަ އައްޑޫ ސިޓީ ކައުންސިލް ތަމްސީލު ކުރީވެސް ހަމަ މިދެންނެވިހެން އެމްޑީޕީގެ މެޖޯރިޓީ،" ޝިޔާމް ވިދާޅުވި އެވެ.

އެމްޑީޕީގެ ކައުންސިލަރުން މިއަދު ދައުރު ނިމެން ކައިރިވުމުން ކަރަންޓު ކެނޑޭ ވާހަކަ އާއި މަގުތަކުގެ ވާހަކަ ދެއްކުމަކީ އަޖައިބެއް ކަމަށާއި އައްޑޫ ކައުންސިލްގައި އޮތް އެމްޑީޕީގެ ރަސްކަން މިފަހަރު ނިމުމަކަށް އަންނާނެ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

"މިބޭފުޅުން ރަސްކަން، ރަސްކަމެއްގެ ގޮތުގައި އަޅުގަނޑު މިދަންނަވަނީ، ރަސްކަންތާ ގިނަ ދުވަސް ވާނީ އާންމު ގޮތެއްގައި. އިރާދަކުރެވިއްޔާ މި ނިންމަނީ އަޅުގަނޑުމެން. ރަސްކަމެއް ނިމޭއިރުގައި އެބޭފުޅުން އެދައްކަވަނީ ފެނާ ނަރުދަމާގެ ވާހަކަ، އެބޭފުޅުން އެދައްކަވަނީ ކަރަންޓު ކެނޑޭވާހަކަ، އެބޭފުޅުން އެދައްކަވަނީ މަގުތަކުގެ ވާހަކަ. އަޖައިބެއް ނޫންތޯ މީ؟" ޝިޔާމް ވިދާޅުވި އެވެ.

މުޅި ރާއްޖޭގެ ތަރައްގީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް އެބައޮތް ކަމަށާއި އޭގެތެރެއިން އެންމެ ބޮޑު އެއް އިސްކަމެއް ދީފައި އޮތް ސިޓީއަކީ އައްޑޫ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެގޮތުން އައްޑޫ ކައުންސިލްގެ މެޖޯރިޓީ މިފަހަރު ޕީއެންސީއަށް ދެއްވުމަށާއި ތަފާތު ފެންނާނެ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.