ނެޝަނަލް ހެލްތު ލެބޯޓަރީ އިމާރާތް ކުރުމަށްޓަކައި މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބީލަމަކަށް ހުޅުވައިލާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ އެ ލެބް ޑިޒައިންކޮށް ފީސިބިލިޓީ ސްޓަޑީ ހެދުމާއި ކޮންސަލްޓަންސީގެ ޚިދުމަތް ހޯދުމަށް ބައިނަލްއަޤްވާމީ ވާދަވެރި ބީލަމަކަށް ހުޅުވާލައިގެން ޓެންޑަކޮށް ހޮވިފައިވާ ޖަރުމަނުގެ ކުންފުނި "ޖައިޓެކް“ އާ އެކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ގައި ސޮއި ވެސް ކޮށްފައިވާ ކަމަށެވެ.
އެ މަސައްކަތް އެ ކުންފުންޏާ 1.2 މިލިޔަން ޑޮލަރަށް ހަވާލުކޮށް،މަސައްކަތުގެ ބޮޑުބައި ނިމިފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ނެޝަނަލް ހެލްތު ލެބްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ދެނެގަތުމަށް ކުރަންޖެހޭ ކެމިކަލް އަދި މައިކްރޯބައޮލޮޖިކަލް ތަހުލީލުތައް ކުރުމާއި، ލެބޯޓަރީގައި ކުރާ ޓެސްޓްތަކަކީ ބައިނަލް އަޤްވާމީ ފެންވަރުގެ ޓެސްޓްތަކެއް ކަމުގައި ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭގެ މަސްވެރިކަމާއި، ޓޫރިޒަމް އިންޑަސްޓްރީ އަދި މިނޫންވެސް އެކި މުއައްސަސާތަކުގެ ބޭނުން ތަކަށް ކުރަންޖެހޭ ތަޙުލީލުތައް ކުރުން ހިމެނެއެވެ.
މިނިސްޓަރު ވިދާޅުވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް މި އަހަރާއި އަންނަ އަހަރު ގެނެވޭ އެންމެ ބޮޑު ކުރިއެރުމަކީ ޤައުމީ ޞިއްޙީ ލެބް ޤާއިމްކުރުމުގެ މަސައްކަތްކަމަށެވެ. ސަބަބަކީ މިހާރު ގައުމީ ލެބޯޓަރީ ހިންގަނީ ހެލްތު މިނިސްޓްރީ ހިނގަމުން އަންނަ އިމާރާތެކެވެ.
ނަމަވެސް އެތަތަކީ މއެފަދަ ތަނެއް ހިންގުމަށް ޖާގައިގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އެންމެ އެކަށީގެންވާ އިމާރާތެއް ނޫން ކަމަށް ނާޒިމު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އަލަށް އިމާރާތްކުރާ ނެޝަނަލް ހެލްތު ލެބަކީ ނުވަ ބުރީގެ ތަނެއް ކަމަށެވެ. އެތަނުން ދޭވޭނެ ޚިދުމަތްތަކުގެ ތެރޭގައި ވައިރޮލޮޖީ ރިސްކު ލެވެލް 2 އަދި 3 ގެ ވައިރަސްތައް ތަހުލީލު ކުރުމާއި، ބެކްޓޮރޮލޮޖީގެ ދާއިރާއިން ބެކްޓީރީ އާއި ގުޅުންހުރި ތަހުލީލުތައް ކުރުމުގެ އިތުރުން ކާބޯތަކެއްޗާއި ބޭސް ތަހުލީލު ކުރުމުގެ މަސައްކަތް އިތުރަށް ފުޅާވުން ހިމެނެ އެވެ.