Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

އުމްރާވެރިންނަށް ލަނޑު ދިން މީހާ ގޭބަންދަށް

އުމްރާއަށް ގެންދަން ފައިސާ ނެގުމަށް ފަހިު އޮޅުވާލި މައްސަލައިގައި ޖަލަށް ލީ އަލް މަޝްއަރު ޓުއާސް ގްރޫޕްގެ ވެރިޔާ ޢަލީ ފާރިޝް ގޭބަންދަށް ބަދަލުކޮށްފިއެވެ.

އެ މައްސަލައިގައި އޭނަގެ މައްޗަަށް ކުރި ދައުވާ ސާބިތުވެ ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ގަ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ ފާރިޝްގެ ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތާ ގުޅިގެން ވަގުތީ ގޮތުން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ދައުލަތުން އަލީ ފާރިޝްގެ މައްޗަށް ދައުވާކުރީ އުމްރާއަށް މީހުން ގެންދަން އޭސް އޭވިއޭޝަން ސާވިސް އާއި އޭސް ޓްރެވެލް މޯލްޑިވްސް މެދުވެރިކޮށް 48 މީހެއްގެ ޓިކެޓު ބުކިން ހެދުމަށް ފަހު، ފައިސާ ނުދެއްކި މައްސަލައިގަ އެވެ. އެ މައްސަލައި އޭނަގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރީ 2024 ގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މި މައްސަލާއިގައި ފާރިޝް ޖަލަށްލުމުގެ އިތުރުން އޭސް އޭވިއޭޝަނާއި އޭސް ޓްރެވެލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 406،321ރ. ދެ އަހަރުގެ ތެރޭގައި ދެއްކުމަށް ވެސް ހުކުމްކުރި އެވެ.