އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 500،000 އަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 502،252 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ޓޫރިސްޓުންނާ އަޅާބަލާ އިރު، 8.8 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދުގައި ރާއްޖެ އައީ 461،839 ޓޫރިސްޓުންނެވެ.
މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމަކީ ޗައިނާ (79،681 ޓޫރިސްޓުން)، ރަޝިއާ (57،466 ޓޫރިސްޓުން)، އިޓަލީ (48،417 ޓޫރިސްޓުން)، އިނގިރޭސިވިލާތް (46،005 ޓޫރިސްޓުން)، ޖަރުމަން (31،344 ޓޫރިސްޓުން)، އިންޑިއާ (18،402 ޓޫރިސްޓުން)، ފްރާންސް (18،160 ޓޫރިސްޓުން)، އެމެރިކާ (12،844 ޓޫރިސްޓުން)، ޕޮލެންޑް (12،109 ޓޫރިސްޓުން) އަދި ސްވިޓްޒަލޭންޑް (10،838 ޓޫރިސްޓުން) އެވެ.
މި އަދަދުތަކަށް ބަލާ އިރު 489،699 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށެވެ. މާފަރު އެއާޕޯޓުން 1،792 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރި އިރު ގަން އެއާޕޯޓުން 1،769 ޓޫރިސްޓުން އަދި ހަނިމާދޫ އެއާޕޯޓް މެދުވެރިކޮށް 1،332 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.