Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ޑްރަގްސް ގެނައި އިންޑިއާގެ ބަޔަކު ހައްޔަރަށް

ރާއްޖެ އައި އިންޑިއާގެ ބަޔަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) 6.7 ކިލޯގެ ހަޝީޝް އޮއިލްއާއެކު އިންޑިއާ ހައްޔަރުކުރީ އުމުރުން 21 އަހަރާއި 19 އަހަރުގެ ދެ ފިރިހެނުންނެވެ.

ކަސްޓަމްސާއި ފުލުހުން ގުޅިގެން މި މަހު 3 ގައި ހިންގި އޮޕަރޭޝަނެއްގައި އެ ތަކެތި އަތުލައިގަނެފައިވަނީ، އެ މީހުންގެ ދަބަސްތައް އާންމު އުސޫލުން ސްކްރީން ކުރުމުގެ ތެރޭގައެވެ. ފޮށިތަކުގެ ތެރޭގައި ފޮރުވާފައި ހުރި މި ތަކެތި ލެބޯޓްރީގައި ތަހުލީލު ކުރުމުން، އެއީ ހަޝީޝް އޮއިލްކަން ވަނީ ކަށަވަރުވެފަ އެވެ.

އަތުލައިގަތް ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 5.4 މިލިއަން ރުފިޔާއަށް އަރަ އެވެ.

މިއީ މިއަހަރުގެ ތެރޭގައި އެއާޕޯޓުން އަތުލައިގަތް މަސްތުވާތަކެތީގެ އެންމެ ބޮޑު އެއް ޝިޕްމަންޓެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް ބުދަ ދުވަހު 6 ދުވަސް ޖަހާފައިވެ އެވެ.