Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ފަހު ދިހައިގެ ދަރުމަ ލިބިގަތުމަށް މަސައްކަތް ކުރޭ: ހުތުބާ

ރޯދަ މަހުގެ ފަހު ދިހައިގެ ދަރުމަ ލިބިގަތުމަށް މަސައްކަތް ކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރަންޖެހޭނެ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި ބުނީ ރޯދަ މަސް ވަކިވުމުގެ ވަގުތު ކުޑަތަންވެފައިވާ ކަމަށެވެ. ކުރެވުނު ހެޔޮ އަމަލުތަކާ މެދު ވިސްނައި އިތުރަށް ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް ކުރެވޭން ހުރީ ކޮން ކަންތަކެއްތޯ ބަލަންޖެހޭ ކަމަށެވެ. އަދި އަހަރުގެ ތެރޭގައި މައްސަރުތަކާއި ދުވަސްތަކާއި ރޭތައް މާތް ﷲ ހާއްސަކުރައްވާފައިވާ ކަމަށާއި އެގޮތުން ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮ ކަމާއި މާތްކަމުގެ ގޮތުން އެންމެ މާތް ދިހަ ދުވަސް ކަމަށާއި އެންމެ ހެޔޮ ރޭތަކަކީ ރޯދަ މަހުގެ ފަހު ދިހައިގެ ރޭތައްކަމުގައި ލެއްވި ކަމަށް ހުތުބާގައި ވެއެވެ.

އަދި އޭގެ ތެރޭގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން ބޮޑު ލައިލަތުލްގަދުރި ލެއްވި ކަމަށާއި އެ ރޭ ކީރިތި ގުރްއާން ބާވައިލެއްވިކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

"ރޯދަ މަހުގެ ފަހު ދިހައިގެ ރޭތަކަކީ ކާއިނާތުގެވެރި މާތް ﷲ ގެ ރަހުމަތާއި ފުއްސެވުމާއި ރުއްސެވުމާއި ދިންނެވުން، އޭގެ އިންތިހާއަށް އަޅުތަކުންނަށް ދެއްވާނެކަން އަންގަވައިފައިވާ ރޭތަކެއް. ވީއިރު އެ ރޭތަކުގެ މާތްކަމާއި ދަރުމަ ލިބިގަތުމަށް މަސައްކަތްކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާންޖެހޭނޭ ކަމެއް."، ހުުތުބާގައިވެ އެވެ.

ހުތުބާގައި ވަނީ ފަހު ދިހައިގެ ދުވަސްތަކުގައި ހޭދަކުރުމާއި ސަދަގާތްކުރުން ގިނަކުރަން ޖެހޭ ކަމަށާއި އެގޮތުން މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ ފިތުރު ޒަކާތް ނެރުމަށް ސަމާލުކަންދީ އެ ކަމަށް އަވަސްވެގަތުމުގެ މުހިއްމުކަން ފާހަގަކޮށް، ފިތުރު ޒަކާތް ނެރުމަކީ ކޮންމެ މުސްލިމަކުމެ ކުރާންޖެހޭނޭ ކަމެއް ކަމަށް ބުނެފަ އެވެ.

މީގެއިތުރުން މިއަދު އިސްލާމީ އުންމަތް ހޭދަކުރަމުން މިދަނީ އުންމަތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ނުރައްކާތެރި ދުވަސްތަކެއްގެ ތެރޭގައި ކަމަށާއި އެހެންކަމުންއުންމަތުގެ މުސްތަގުބަލަށް ޓަކައި، އިސްލާމީ ހަޟާރަތު އަލުން އިއާދަކުރުމަށް އަދުގެ ޒުވާން ޖީލު އިހުލާސްތެރިކަމާ އެކު އަޒުމް ކަނޑައަޅާންޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.