މެދުއިރުމަތީގައި ހިންގަމުންދާ ހަނގުރާމައިގެ ނުރައްކާ އިންޑިއާ ކަނޑުގެ ސަރަހައްދާއި ހަމައަށް އައުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދާ ކައިރިއަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ވަނީ އިރާނުގެ މަނަވަރެއް ފައްތާލާފަ އެވެ. މި ހަމަލާއަށް ފަހު އިރާންގެ އިތުރު މަނަވަރެއް ލަންކާގައި މިހާރު ވަނީ ބަނދަރުކޮށްފަ އެވެ.
އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މި ހަނގުރާމައިގެ އަސަރު އިންޑިއާ ކަނޑުގެ ސަރަހައްދަށް ފޯރުމަކީ އެދޭ ކަމެއް ނޫން ކަމަށާއި މި ހަނގުރާމައިގެ ނުރައްކާ އިންޑިއާ ކަނޑުގެ ސަރަހައްދާ ހަމައަށް އައުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ގައުމަކީ އިންޑިއާ ކަމަށްވާއިރު، މި ނާޒުކު ދަނޑިވަޅުގައި އެ ގައުމުން އިސްނަގައި، ފުރިހަމަ ޒިންމާ އަދާކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިއީ އިޒްރޭލުން ފެށި ހަނގުރާމައެއް ކަމަށާއި މި ހަނގުރާމައިގެ ތެރެއަށް އެހެން ގައުމުތައް ވައްދަނީ ވެސް އިޒްރޭލުން ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތައް މި ހަނގުރާމައިގެ ތެރެއަށް ނުވައްދާނެ ކަމަށް އުއްމީދުކުރާ ކަމަށާއި މިކަން އެމެރިކާ އާއި އިޒްރޭލަށް ވެސް ވިސްނޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި އެގައުމަށް ހަމަލާތައް ދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ހަމަލާތަކުގައި އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އާއި އިރާނުގެ ބައެއް އަސްކަރީ ކޮމާންޑަރުން ވަނީ އަވަހާރަކޮށްލާފަ އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.