މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އަކީ އިސްލާމީ އުންމަތަށް ކުރިމަތިވީ ބޮޑު މުޞީބާތެކެވެ. މިއީ އުންމަތުގެ ފަޚުރުވެރި، ބާރާއި ފަންވަރު ހުރި އަދި ގޮތަކާއި އުޞޫލެއް މިވަގުތު ދަމަހައްޓާ ހަމައެކަނި ގައުމު ހަލާކުކޮށް ނިންމާލާން ޝައިޠާނީ ބާރުތަކުން ނިކުތް ވަގުތެވެ.
މި ނާޒުކު ވަގުތުގައި އިސްލާމީ އުންމަތް ދެކެ ލޯބިވާ އަދި ދުނިޔޭގައި ކަންތައް ވަމުން މިދާ ގޮތާއިމެދު ލޯހުޅުވިފައިވާ އެންމެހައި މުސްލިމުން ތިބީ އީރާނުގެ މުސްލިމުންނަށް މޮޅެއް ލިބި، އަނިޔާވެރި ޒަޔަނިސްޓުންނާއި އެމީހުންގެ ވާގިވެރިންނަށް ގެއްލުންވެ، ބަލިވުމަށް އެދި އެދިއެވެ.
އިނގިރޭސި މުޙާވިރާ އެއްގައި ބުނާ ފަދައިން "ހަނގުރާމައެއްގައި އެންމެ ފުރަތަމަ ގަތުލު ވެގެންދާ އެއްޗަކީ ޙަގީގަތެވެ." މި ހަނގުރާމަ ފެށުމާއިއެކު ދެފަރާތުންވެސް ބުނަމުން އަންނަނީ އިދިކޮޅު މީހުންނަށް އެމީހުން ބޮޑެތި ގެއްލުން ދެމުން ގެންދާ މިންވަރުގެ ވާހަކައެވެ. ޚަބަރުތައް ވަނީ "ސެންސަރު" ކޮށްފައެވެ. އިސްރާއީލާއި އެމެރިކާއަށް ލިބޭ ގެއްލުން ތަކުގެ ވާހަކައެއް ޒަޔަނިސްޓް ކޮންޓްރޯލުގެ ދަށުގައިވާ ދުނިޔޭގެ މައިގަނޑު "މެއިންސްޓްރީމް" މީޑިއާ ތަކަކުން ނުދައްކާނެއެވެ. އެއިން ދައްކާނީ އެމީހުންގެ މޮޅު ވާހަކަޔާއި އީރާން ބަލި ވާ ވާހަކައެވެ.
ތެދެކެވެ. އީރާނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ދެމުންނެވެ. ބޮން އަޅައި ތަންތަން ހަލާކު ކުރަމުންނެވެ. މީގެ ދެދުވަހެއް ކުރިންވެސް އީރާނުގެ މަނަވަރެއް ފައްތާލައި އަހަރެމެންގެ 100 އަށްވުރެ ގިނަ އަޚުން ޝަހީދުކޮށްލިއެވެ. މިއީވެސް އަޅުގަނޑުމެންގެ ހިތްތަކަށް ނުހަނު ތަދުކުރި ކަމެކެވެ. އަވަށްޓެރި ސްރީލަންކާގެ މީހުން އީރާނުގެ މަނަވަރަށް ވެވުނު އެހީއެއް ވިއެވެ.
އީމާނާއި، ހިތްވަރާއި، ވަކީލް ކުރުމާއި، ކެތްތެރި ކަމަކީ މުސްލިމުންގެ މިލްކެކެވެ. އީރާނަކީ މިހުރިހައި ކަމެއްގައި ނުހަނު ކުރީގައި ތިބި ބައެއް ކަމުގައި ފެނެއެވެ. ނަމަވެސް އަޅުގަނޑުމެންފަދަ ދުރު ތިބީންނަށް މި ޚަބަރުތައް ކިއުމަކީ ހިތަށް ތަދު ކުރާ ވޭންހުރި ކަމަކަށް މިއަދު މިވަނީ ވެފައެވެ. ޚަބަރުތަކާއި މަޒުމޫނުތައް މަތިމަތިން ބަލަމުން ދަނިކޮށް ފެނުނު ލިއުމެއް ތިޔަބޭފުޅުންނަށް މި ހުށަހަޅާލަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމަކަށްޓަކައެވެ. ޖިއޯޕޮލިޓިކަލް އަދި މިލިޓަރީ އެނަލިސްޓް މާހިރުންގެ ވާހަކަތައް އަޅުގަނޑު ޢާންމުކޮށް ބަލަމެވެ. އެމެރިކާގެ ސްކޮޓް ރިޓަރ (Sc R)، ކާނަލް ޑަގްލަސް މެކްގްރެގޯރ ( Mc)، ޖޯން މިއަރޝައިމަރ (J M)،އިނގިރޭސި ވިލާތުގެ އަލަސްޓެއަރ ކްރޫކް ( C)، އަދި ބްރެޒިލްގެ ޕެޕޭ އެސްކޮބާރ (Pp Ecb) ފަދަ މާހިރުން ދައްކަވާ ވާހަކަތަކާއި ތިރީގައި އޮލޯން މިރްޒާހީ ލިޔެފައިމިވާ ވާހަކަ ތަކާއި ވަރަށް ބޮޑަށް ދިމާވާކަން ފާހަގަ ކުރަމެވެ.
އޮލޯން މިޒްރާހީއަކީ އިސްރާއީލުގެ ސިޔާސަތުތަކަށާއި ޒަޔަނިޒަމަށް ވަރަށް ބޮޑަށް ފާޑުކިޔާ، އަދި ފަލަސްޠީނުގެ ޙައްގުގައި ވަކާލާތުކުރާ ޔަހޫދީ ނޫސްވެރިއެކެވެ.
އޮލޯން މިޒްރާހީ ލިޔެފައިވެއެވެ "އަހަރެމެން މިދެކެނީ ތާރީޚުގެ އާދަޔާއި ޚިލާފް ސަފްޙާ އެކެވެ. އެންމެން ޙައިރާންކޮށްލުމަށްފަހު، އީރާނުން މިދަނީ އެމެރިކާގެ ޢަސްކަރީ މަރުކަޒުތައް ފުޅާދާއިރާއެއްގައި، ނިހާއީ ދަރަޖައަކަށް ސުންނާފަތި ކުރަމުންނެވެ. މިއީ މީގެކުރިން ދުނިޔެއިން ފެނިފައިވާ މަންޒަރެއް ނޫނެވެ.
ވޭތުވެ ދިޔަ ހަތަރު ފަސް ދުވަހެއްގެ ތެރޭގައި، އީރާނުން ވަނީ އެ ސަރަޙައްދުގައި އީރާނުގެ ޢަސްކަރީ ބާރު ފުޅާކުރުމުގައި ކާމިޔާބީ ހޯދާފައެވެ. ދުނިޔޭގައި ހުރި އެންމެ އަގުބޮޑު އަދި އެންމެ މުހިންމު ޢަސްކަރީ މަރުކަޒުތަކާއި، ވަޞީލަތްތަކާއި، އާލާތްތައް އީރާނުން ވަނީ ހަލާކުކޮށްލާފަ އެވެ. ބަޙުރޭން، ކުވެއިތު، ޤަޠަރު އަދި ސަޢޫދީ ޢަރަބިއްޔާގައި ހުރި އެމެރިކާގެ ޢަސްކަރީ މަރުކަޒުތަކަކީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ބޮޑު ޢަސްކަރީ މަރުކަޒުތަކެވެ. މިއީ އެތައް ދަހަރެއް ވަންދެން، އެތައް ޓްރިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ބިނާކުރި ތަންތަނެވެ.
މިއީ ފާއިތުވި 30 އަހަރުގެ ޢަސްކަރީ ޚަރަދުތަކުގެ ބޮޑު ބައެއް އަޅިއަށް ވެގެންދާ ދިއުމެކެވެ.
އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އަގުހުރި ރާޑަރުތައް ސިކުންތުކޮޅަކުން ހަލާކުވެގެންދާ މަންޒަރު އަހަރެމެން މިދަނީ ދެކެމުންނެވެ. ޢަސްކަރީ މަރުކަޒުތައް ގޮއްވާލައި، ސުންނާފަތި ކުރަމުންދާ މަންޒަރު ފެނެއެވެ. އަޅުގަނޑުގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ދަންނަވާނަމަ، އެމެރިކާގެ މުޅި ތާރީޚުގައިވެސް މިފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާފައެއް ނުވެއެވެ. ފަހަރުގައި (ދެވަނަ ބޮޑު ހަނގުރާމައިގައި) 'ޕާލް ހާބާ' އަށް (ޖަޕާނުން) ދިން ޙަމަލާ މީގެ އިސްތިސްނާއަކަށް ވެދާނެއެވެ. ނަމަވެސް އެއީ އެންމެ ޙަމަލާއެކެވެ.
އާދައިގެ ހަނގުރާމައެއްގައި އެއްވެސް ދުޝްމަނަކަށް އެމެރިކާގެ ޢަސްކަރިއްޔާއަށް މިހާރު އީރާނުން ދެމުން އެދާ ފަދަ ގެއްލުމެއް ދެވިފައެއް ނުވެއެވެ. މިއީ ގަބޫލުކުރަންވެސް ދަތި ކަމެކެވެ. ޢަސްކަރީ ޙާލަތު އޮތީ އެހާވެސް ގޯސްކޮށް ކަމަށްވާތީ، މި ހަނގުރާމައިގެ މަޢުލޫމާތުތައް ސެންސަރުކޮށް، ބޭރަށް ހާމަވިޔަނުދީ ވަނީ ހިފަހައްޓާފައެވެ. ތިޔަބޭފުޅުންނަށް ފާހަގަކުރެވޭނެ ފަދައިން، ކޮންމެ ދުވަހަކު ފެންނަ އައު މަޢުލޫމާތު މިދަނީ މަދުވަމުންނެވެ.
މީގެ 35 އަހަރު ކުރިން، ޢިރާގުގެ ފުރަތަމަ ހަނގުރާމައިގައި، ޢިރާގުގެ މަންޒަރުތައް މެދުނުކެނޑި ދައްކަމުން ދިޔައެވެ. ކޮންމެ ރެއަކު އެ މަންޒަރުތައް ދެއްކިއެވެ. ނަމަވެސް މިހާރު އެފަދަ އެއްވެސް ވީޑިއޯއެއް ނުފެނެއެވެ.
އެމެރިކާ އަކީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ޢަސްކަރީ ބާރު ކަމަށް ބުނާ، އަދި އެންމެ ވަރުގަދަ ވައިގެ ބާރު އޮތް ގައުމެވެ. އެމެރިކާއިން އީރާނަށް ޙަމަލާދީ، އެގައުމުގެ ދިފާޢީ ނިޒާމު ފޫއަޅުވާލާނެ ކަމަށް ބުނާތާ 4 ދުވަސް ވެގެންދިޔައިރުވެސް، އީރާނުގެ ވައިގެ ސަރަހައްދުގައި އެމެރިކާގެ މާބޮޑު ބާރެއް އޮތް ކަމުގެ ނިޝާނެއް ނުފެނެއެވެ. ޠެހެރާން ނުވަތަ އީރާނުގެ އެއްވެސް ހިސާބެއްގެ މަތިން އެމެރިކާގެ މަތިންދާބޯޓުތައް މިނިވަން ކަމާއިއެކު އުދުހޭ މަންޒަރު ފެންނަ ވީޑިއޯތައް ކޮބައިތޯއެވެ؟
އެމެރިކާގެ ސިފައިންނަށް އީރާނުގެ ބިމަށް އެރުމަކީ ހުވަފެނަކުންވެސް ފެންނާނެ ކަމެއް ނޫނެވެ. މި ހަނގުރާމައިގައި އެމެރިކާ މާޔޫސްވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި، ޓްރަމްޕްގެ ސަރުކާރުން ނެރެމުންދާ މޮޔަ ޚިޔާލުތަކަށް ބަލާލުން ފުދެއެވެ. އެމީހުން އެބުނަނީ ޕާޝިއަން ގަލްފުން ނުކުންނަ ތެޔޮ ޓޭންކަރުތަކަށް ޢަސްކަރީ ހިމާޔަތް ދިނުމަށް ފޮނުވާނޭ ވާހަކައެވެ.
މި ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އީރާނުގެ އެތައް ހާސް މިސައިލެއް ފޯރާ ހިސާބަށް އެމެރިކާގެ މަނަވަރުތައް ފޮނުވަން އުޅެނީ ހެއްޔެވެ؟ މިހާރު އެއްވެސް ބަޔަކަށް 'ސްޓްރެއިޓް އޮފް ހޯމޫޒް' (ހުރުމުޒު ކަނޑުއޮޅި) ހުރަހެއް ނުކުރެވެއެވެ.
މި ހަނގުރާމައަށް އީރާނުން ތައްޔާރުވަމުން އަންނަތާ އެތައް ދަހަރެއް ވެއްޖެއެވެ. އެމެރިކާއިން މިހާރު އެބުނަނީ ކުރުދީ ހަނގުރާމަވެރިންނަށް ހަތިޔާރުދީގެން އީރާނަށް އަރާނެ ވާހަކައެވެ. މިދައްކަނީ ކޮން ކަހަލަ ތާކުންތާކުނުޖެހޭ ވާހަކައެއް ހެއްޔެވެ؟ އީރާނުގެ ޗާޓު ދުވަހަކުވެސް ދެކުނިން ހެއްޔެވެ؟ ހީވާގޮތުން ޓްރަމްޕްގެ ސަރުކާރުގެ މީހުން އީރާނުގެ ޗާޓެއް ނުދެކެއެވެ.
އީރާނަކީ ކިހާ ބޮޑު ގައުމެއްކަން އެނގޭ ހެއްޔެވެ؟ އީރާނަށް އަރައިގަތުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟ 10,000 ނުވަތަ 50,000 ނުވަތަ 100,000 މީހުންގެ ލަޝްކަރަކަށް އީރާނަށް އަރައިގަނެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ އީރާނުން އެމީހުން ދިރުވާލާނެއެވެ.
އެމެރިކާ އާއި އިސްރާއީލް މިހާރުވެސް ވަނީ މި ހަނގުރާމައިން ބަލިވެފައެވެ. އީރާނުގެ ޢާންމުންގެ އެތައް ލައްކަ ބަޔަކު ބޮންއަޅައި މަރާލުމުގެ ގާބިލުކަން އެމެރިކާ އާއި އިސްރާއީލަށް ލިބިގެންވެއެވެ.
އެމީހުންގެ އަތުގައި ބޮޑެތި ބޮންތައް އެބަހުއްޓެވެ. ޢިމާރާތްތައް ފުނޑުފުނޑު ކޮށްލެވިދާނެއެވެ. ނަމަވެސް އެމީހުންނަށް މި ހަނގުރާމަ ކާމިޔާބެއް ނުކުރެވޭނެއެވެ. އީރާނުގެ ޢަސްކަރީ އޮނިގަނޑާއި ހަތިޔާރުތައް ހުރީ މުޅި އީރާނުގެ ބިމުގެ އަޑީގައެވެ. އެމެރިކާއަށް، އަދި ވަކިން ޚާއްޞަކޮށް އިސްރާއީލަށް އެ ތަންތަނާ ހަމައަށް ވާސިލުވުމުގެ އެއްވެސް މަގެއް ނެތެވެ.
އިސްރާއީލާއި އެމެރިކާނުން މި ފެށީ އެމީހުންނަށް ނިންމާލެވޭނެ ފަދަ ކަމެއް ނޫނެވެ. މިކަން ނިމޭއިރު، އެމެރިކާގެ ބާރުތައް ހުޅަނގު އޭޝިއާ އިން (މެދުއިރުމަތިން) ފައްސާލެވޭނެއެވެ. މެދުއިރުމަތީގައި އެމެރިކާގެ އެއްވެސް ނުފޫޒެއް ނޯންނާނެއެވެ. އަޅުގަނޑު މި ވާހަކަ މި ބުނަނީ ޔަގީންކަމާ އެކުގައެވެ."
މި ނޫސްވެރިއާ ބުނެފައިމިވާ ތަކެއްޗަކީ ޙަގީގަތެއް ކަމުގައި ވުމަކީ އަޅުގަނޑުމެންގެ އުންމީދެވެ. އެލެއިސްޓަރ ކޫކްމެން ފަދަ ޢަސްކަރީ މާހިރުން ވިދާޅުވަނީ އީރާނަށް އޮތީ ހަފްތާ ތަކަކަށް ހިފަހައްޓާލުމެވެ. ވަގުތު އޮތީ އީރާނުގެ ފަޅީގައެވެ. އެމެރިކާއާއި އިސްރާއީލަށް މާ ގިނަ ދުވަހަކު ހިފަހައްޓައެއް ނުލެވޭނެއެވެ.
ކާފަރުންގެ ހަނގުރާމައިގައި މުސްލިމުންގެ ތެރެއިން މަރުވާ މީހުންނަކީ ޝަހީދުންނެވެ. އަޅުގަނޑުމެންގެ ދުޢާއަކީ ނުބައި ޙަރުބީ ކާފަރުންގެ ޙަމަލާތަކުގައި މަރުވަމުންދާ މުސްލިމުންގެ ޝަހާދަތު (އެބަހީ، އެމީހުންނަކީ ޝަހީދުން ގެ ގޮތުގައި) ގަބޫލު ކުރައްވައި، އިސްލާމުންނަށް ނަޞްރު ދެއްވައި، އިސްރާއީލާއި އެމެރިކާގެ ބާރުތަކުގެ މައިކަށި ބިންދާ ލެއްވުމެވެ. އަދި މިކަންތަކުން ޢިބުރަތް ލިބިގަނެ، އިސްލާމީ އުންމަތް އެއްބައިވަންތަ ކުރެއްވުމެވެ. އަދި މިކަންތަކަކީ އަޅުގަނޑުމެން ދިވެހިންނަށާއި، އިސްލާމީ އުންމަތަށާއި އަދި ދުނިޔެއަށް އިޤްތިޞާދީ ގޮތުން ތަޙަމައްލު ކުރެވޭ ވަރުގެ ކަމެއް ކަމުގައި ލައްވައި އަވަސް ނަޞްރެއް މިންވަރު ކުރެއްވުމެވެ.
ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.