ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އިންޑިއާގެ ދެކުނުގެ މަޝްހޫރު ޕްރޮޑިއުސަރު ދިލް ރާޖޫގެ ފިލްމަކަށް ސަލްމާން ޚާން ސޮއިކޮށްފި އެވެ.
ޕިކްންކްވިލާ އިން މިއަދު ބުނީ ބޮޑު ބަޖެޓަކުން ގްރޭންޑްކޮށް ހަދަން ނިންމާފައިވާ މި ފިލްމަކީ އެކްޝަން ތުރިލާއެއް ކަމަށާއި ފިލްމުގެ ޑައިރެކްޓަރަކީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ދެކުނުގެ ޑައިރެކްޓަރު ވަމްޝީ ޕައިޑިޕައްލީ ކަމަށެވެ.
އޭނަ ޑައިރެކްޓްކުރާ ފިލްމެއް ސަލްމާނަށް ހުށަހެޅިކަމުގެ ވާހަކަތަކެއް ދެކޭވޭތާ ވެސް ދުވަސްތަކެއްވެއްޖެ އެވެ. ވަމްޝީގެ އެންމެ ފަހުގެ ފިލްމަކީ ތަމަޅަ އެކްޓަރު ވިޖޭގެ 2023 ގެ އެކްޝަން ޑްރާމާ ވަރިސޫ އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ސަލްމާނާ އެކު ވަމްޝީ ހަދަން ނިންމާފައިވާ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ޕްލޭންކޮށްފައިވާ އިރު، މިއީ ބޮލީވުޑާއި ދެކުނުގެ މަސްހުނި ބޮޑު ކާސްޓެއް ހިމެނޭނެ ފިލްމެކެވެ. އެގޮތުން ފިލްމުގެ އިތުރު ކާސްޓުން މިހާރު ފައިނަލް ކުރަމުން އަންނަ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ސަލްމާންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 17 އަށް ތާވަލުކޮށްފައި ޑައިރެކްޓަރު އަޕޫރްވާ ލާކިއާގެ "ބެޓްލް އޮފް ގަލްވާން" އެވެ. މީޑިއާތަކުން މި ހަފުތާގައ ރިޕޯޓްކޮށްފައިވާ ގޮތުގައި ރާޖް އެންޑް ޑީކޭ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ސުޕަހީރޯ ފިލްމަކަށް ވެސް ސަލްމާން ފެހި ސިގްނަލް ދީފައިވާ އިރު، އޭގެ ޝޫޓިން ފަށާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ޕިންކްވިލާ އިން ބުނީ ސަލްމާނާ އެކު ދިލް ރާޖޫ ހަދާ ފުރަތަމަ ފިލްމި ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު ކަމަށެވެ.