Last Updated: June 4, 06:44
Thursday, June 4, 2026
ޚަބަރު

އިއްތިހާދު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަނީ

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މެދުކަނޑާލާފައިވާ އިއްތިހާދު އެއާވޭސްގެ ދަތުރުތައް، ރާއްޖެ ހިމެނޭހެން ވަކި މަންޒިލްތަކަކަށް އަލުން ފެށުމަށް ނިންމައިފި އެވެ.

މި ދަތުރުތައް ކުރުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 19 ގެ ނިޔަލަށެވެ.

އިއްތިހާދު އެއާލައިނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އެ އެއާލައިންގެ ދަތުރުތައް އަލުން ފެށުމަށް ނިންމީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ފުރިހަމައަށް ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ. މި ދަތުރުތައް ފެށި ނަމަވެސް އިސްކަން ދޭނީ ހަނގުރާމައާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމުގެ ސަބަބުން ދަތުރު ނުކުރެވިފައިވާ ފަރާތްތަކަށް ކަމަށް އެ އެއާލައިނުން ބުންޏެވެ.

އެ އެއާލައިނުން އަބޫދާބީއާއި ދުނިޔޭގެ މުހިންމު 25 މަންޒިލަކާ ދެމެދު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން ލަންޑަން، ނިއުޔޯކް، ފްރެންކްފަޓް، މިލާން، ޕެރިސް، ޓޮރޮންޓޯ، ކުއާލަލަމްޕޫރު، ކޮލަމްބޯ އަދި ބެންކޮކް ފަދަ ސިޓީތައް ހިމެނެ އެވެ.

މެދުއިރުމަތީގެ މަސްރަހު ހޫނުވީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި މިދިޔަ ހޮނިހިރު ދުވަހު އެގައުމަށް ދިން ހަމަލާތަކާއެކު އެވެ. އެ ހަމަލާތަކުގައި އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އާއި އިރާނުގެ ބައެއް އަސްކަރީ ކޮމާންޑަރުން ވަނީ އަވަހާރަކޮށްލާފަ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.