Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ބަންޑާރަ މިސްކިތަކީ ތާރީހީ ބިނާއެއް، ތަޅާލައިގެން ނުވާނެ

ޔުމްނާ މައުމޫން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބަންޑާރަ މިސްކިތަކީ ތާރީހީ ބިނާއެއް ކަމަށާއި އެ މިސްކިތް ތަޅާލައިގެން ނުވާނެ ކަމަށް ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

މާލޭގެ ދުވަސްވީ ބަންޑާރަ މިސްކިތް ތަޅާލައި އެތަނުގައި އާ މިސްކިތެއް އަޅަން ނިންމާފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ ހާމަކުރައްވާފަ އެވެ.

އެކަމާ ގުޅިގެން ބައެއް އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ޔުމްނާ ވިދާޅުވީ ބަންޑާރަ މިސްކިތް ތަޅައިލުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ 98 އަހަރުވެފައިވާ މާލޭގެ މުހިންމު ދީނީ، ތާރޚީ، ސަގާފީ ބިނާއެއް ކަމަށެވެ.

"ރާއްޖޭގެ މި ފަދަ ތާރީޚީ ބިނާތަކާއި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސަގާފީ ތަރިކަ ޤާނޫނެއް ހަދައި ތަސްދީޤު ކުރެވިފައިވާނެ،" ޔުމްނާ ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ ބަންޑާރަ މިސްކިތް ހުރި ތަނުގައި އާ މިސްކިތެއް އެޅުމަށް ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބަންޑާރަ މިސްކިތް ހުރި ތަނުގައި އާ މިސްކިތް އެޅުމުގެ މަސައްކަތް މި ރޯދަ މަހަށްފަހު ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ. ޝަހީމު ވިދާޅުވީ މިއާއެކު މާލޭގެ ބޮޑެތި ހުރިހާ އި މިސްކިތެެއް އާވެގެން ދިޔައީ ކަމަށެވެ.

ބަންޑާރަ މިސްކިތަކީ ގަރުނަކަށް ވުރެ ގިނަ ދުވަސްވީ މިސްކިތެކެވެ.