Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ބަންޑާރަ މިސްކިތް: އާ މިސްކިތެއް އަޅާނީ ރައްޔިތުންގެ އަޑުއަހާފައި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު

ބަންޑާރަ މިސްކިތް ހުރި ތަނުގައި އާ މިސްކިތެއް އަޅާނީ ރައްޔިތުންގެ އަޑުއަހާފައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މާލޭގެ ދުވަސްވީ ބަންޑާރަ މިސްކިތް ތަޅާލައި އެތަނުގައި އާ މިސްކިތެއް އަޅަން ނިންމާފައިވާކަން މިނިސްޓަރު ޝަހީމް މިއަދު ހާމަކުރެއްވުމާއެކު ބައެއް ފަރާތްތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެފަދަ ތާރީހީ ބިނާތައް ތަޅާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ބިނާތައް ރައްކާތެރިކުރަންޖެހޭ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން ޝަހީމް މިރޭ ވިދާޅުވީ ބަންޑާރަ މިސްކިތް ހުރި ތަނުގައި ބޮޑު މިސްކިތެއް ބިނާކުރަން ގަސްދުކުރީ އެއީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ހިމަނާފައި އޮންނަ މިސްކިތަކަށް ނުވުމުން ކަމަށެވެ. އަދި މިނިސްޓްރީން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާފައި ކަމަށާއި އެއާ އެއްގޮތަށް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"އާ މިސްކިތެއް ބިނާކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާން ބޭނުން،" ޝަހީމް ވިދާޅުވި އެވެ.

ބަންޑާރަ މިސްކިތަކީ ގަރުނަކަށް ވުރެ ގިނަ ދުވަސްވީ މިސްކިތެކެވެ.