Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އިދިކޮޅުން އުޅެނީ މުޒާހަރާކޮށް ގައުމު ހަލަބޮލިކުރަން

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް- ފޮޓޯ: ޕީއެންސީ

އިދިކޮޅުން އުޅެނީ މުޒާހަރާކޮށް ގައުމު ހަލަބޮލިކުރަން ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ސަރުކާރާ ދެކޮޅަށް މި މަހުގެ 21ގައި ބޮޑު މުޒާހަރާއެއް ބާއްވަން އެމްޑީޕީން ނިންމާފައިވާއިރު، މި މުޒާހަރާއަކީ ދިވެހިންގެ މިނިވަންކަން އަލުން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ބާއްވާ މުޒާހަރާއެއް ކަމަށް އެމްޑީޕީން ބުނެ އެވެ.

ޕީއެންސީގެ ހދ. އަތޮޅުގެ މާލެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވަން ޖެހޭނީ ޒިންމާދާރު ގޮތުގައި ކަމަށާއި ނަމަވެސް ރާއްޖޭގައި ހަމަޖެހުން ގާއިމުކުރުމަށްޓަކާ ސަރުކާރުން ގާނޫނުތަކަށް ބޮޑެތި ނިންމުންތައް ގެނައުމުން އިދިކޮޅުން ކުރަނީ ޖެއްސުން ކަމަށެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ ގުޅޭ ވޯޓެއް ނެގުމަށް ތައްޔާރުވަމުންދާއިރު، އިދިކޮޅު ފަރާތްތަކުން އެ ވޯޓަށް ނޫނެކޭ ބުނާ ސަބަބު ރައްޔިތުންނަށް ވިސްނައިދިނުމުގެ ބަދަލުގައި އެ ފަރާތްތަކުން އުޅެނީ މުޒާހަރާކޮށް ގައުމު ހަލަބޮލިކުރަން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ނިކުންނަނީ ރައްޔިތުން ގޮވައިގެން މުޅިން އެހެން ކަމަކަށް. މުޒާހަރާ ކުރުމަށްޓަކާ، ގައުމު ހަލިބޮލިކުރުމަށްޓަކާ،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ޕީއެންސީގެ ފަރާތުން ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މަސައްކަތްކުރާނީ ރައީސުލްޖުމްހޫރިއްޔާއަށް އިޖާބަ ދެއްވައިގެން އެ މަނިކުފާނުގެ ސިޔާސަތާ އެއްގޮތަށް ކަމަށެވެ. އަދި ތަރައްގީ ގެނެވޭނީ ތަރައްގީގެ ފިކުރާ އެއްކޮޅު ބަޔަކާއެކު ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ތަރައްޤީ ވެސް ލިބޭނީ، ތަރައްޤީގެ ފިކުރާއި ވިސްނުންތަކަށް އެއް ކޮޅަށް މަސައްކަތްކުރާ ބަޔަކު އެ ތަންތަނުގައި ތިބެގެން. ކިހިނެއްތޯ ރައީސުލްޖުމްހޫރިއްޔާގެ ޕާޓީގެ ވިސްނުން އިދިކޮޅަށް މަސައްކަތްކުރާ ޕާޓީއެއްގެ ކެނޑިޑޭޓުންތަކެއްގައި ހުންނާނީ؟" ނައިބު ރައީސް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބަށް ޕީއެންސީ ވަރަށް ފޯރީގައި ކެމްޕޭން ކުރަމުން އަންނަ އިރު، އެ އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.