އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 3.54 ރުފިޔާ ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.
އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގަ އެވެ.
އަހަރީ އާންމު ޖަލްސާއަށް ބައެއް ހިއްސާދާރުން ހާޒިރުވެގެން އަދި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެސްޑީ) ގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށްވެސް ބައެއް ހިއްސާދާރުން ބައިވެރިވި އެވެ.
މި ޖަލްސާގައި ޖުމްލަ 353 ހިއްސާދާރުން ބައިވެރިވި އެވެ.
ޖަލްސާގެ އެޖެންޑާގައިވާ ގޮތުގެ މަތިން މިދިޔަ އަހަރުގެ މާޗް 9 ވަނަ ދުވަހު ބޭއްވި އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާއި އޮޑިޓަރުންގެ ރިޕޯޓާއި 2025 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް ހިއްސާދާރުން ވަނީ ފާސްކޮށްފަ އެވެ.
މީގެ އިތުރުން 2026 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ކޭޕީއެމްޖީ އައްޔަންކޮށް އޮޑިޓަރަށް ދޭނެ އުޖޫރަ ވަނީ ފާސްކޮށްފަ އެވެ.
އަހަރީ އާންމު ޖަލްސާގައި ވަނީ 2025 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.54 ރުފިޔާ ބަހަން ފާސްކޮށްފަ އެވެ. އަދި އޫރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި ވަތަނިއްޔާ އިންޓަނޭޝަނަލް އެފްޒެޑް-އެލްއެލްސީ ތަމްސީލުކުރެއްވުމަށް، ފާތިމާ ސުލްތާން އަލް-ކުވާރީ އަލުން އައްޔަންކުރުމަށް މެޖޯރިޓީ ހިއްސާދާރުން ވަނީ ނިންމާފަ އެވެ.
އަދި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމަށް ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި އަބްދުﷲ އަލީ ވަނީ ބޯޑަށް އައްޔަންކުރެވިފަ އެވެ.