Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: ޓޯޓީއާ ޕިއްޒާ ކޯން

* ބޭނުންވާ ތަކެތި:

500 ގްރާމް ކުކުޅު (ކުދިކޮށް ކޮށާފައި)
1 ފިޔާ (ޗޮޕް ކޮށްފައި)
1 މޭޒުމަތީ ސަމުސާ ލޮނުމެދު ޕޭސްޓް
4 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
1 ސައި ސަމުސާ އަސޭމިރުސް
1 ސައިސަމުސާ ލޮނުމެދު ޕައުޑާ
1/2 1 ސައިސަމުސާ މުގުރި ރަތް މިރުސް
1 ސައިސަމުސާ ޗިލީ ފްލޭކްސް
1 ޖޯޑު ބެލްޕެޕާ (ކުދިކޮށް ކިޔުބްކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ތެޔޮ
ލޮނު
8 ޓޯޓީއާ
16 ޓޫތު ޕިކް
ސްޕްރޭ ކޮށްލަން ތެޔޮ ފޮދެއް
މޮޒެރެއްލާ ޗީޒް

* ތައްޔާރު ކުރާނެ ގޮތް:

ޓޯޓީއާތައް މެދުން ފަޅާލުމަށްފަހު ކޯން އެއްގެ ބައްޓަމަށް އޮޅާލުމަށް ފަހު ޓޫތްޕިކް އިން ހަރުކޮށްލާށެވެ. ދެން ތެޔޮ ސްޕްރޭކޮށްލުމަށް ފަހު، އަވަނަށްލައި، ބޭރު ރަންމުށިކުލަ އަރަންދެން ފިހެލާށެވެ.

މަސްގަނޑު ތައްޔާރު ކޮށްލުމަށް ފިޔާ، ލޮނުމެދު ޕޭސްޓް ތެޔޮ ފޮދުގައި ފްރައިކޮށްލާށެވެ. ދެން ކުކުޅު، ލޮނު، އަސޭމިރުސް، ލޮނުމެދު ޕައުޑާ، މުގުރި މިރުސް އަދި ޓޮމާޓޯ ޕޭސްޓް، އެޅުމަށް ފަހު ކުކުޅުކޮޅު ރޯފިލަންދެން ކައްކާލާށެވެ. ރޯ ފިލުމުން، ޗިލީ ފްލޭކްސް، އަދި ބެލްޕެޕާ ކޮޅުވެސް އަޅާލާށެވެ.

މާ ހިކި ނަމަ، ކުޑަ ފެންފޮދެއް އަޅައިގެން މަޑު ގިނީގައި އިރުކޮޅަކު ކައްކާލާށެވެ.

އެއަށް ފަހު، މަސްގަނޑު، ކުރިން ތައްޔާރު ކުރި ކޯންގެ ތެރެއަށް އަޅާށެވެ. އަދި އޭގެ މައްޗަށް ގާނާފައި ހުރި ޗީޒްވެސް އަޅާލާށެވެ
ދެން، ކޯންތައް ލެވޭ ކަހަލަ ފުން ޓްރޭއަކަށް އެ ކޮޅަށް ހުންނަ ގޮތަށް ލުމަށްފަހު، ޗީޒްކޮޅު މެލްޓް ވަންދެން އަވަނަށް ލައި ފިހެލާށެވެ.