އަކްޝޭ ކުމާރާ އެކު ބަތަލާ ރާނީ މުކަރްޖީ ކުޅެން ސޮއިކުރި ފުރަތަމަ ފިލްމު 'އޯ މައި ގާޑެސް' އިން ރާނީ ވަކިވެއްޖެ އެވެ.
މީޑިއާތަކުން ބުނީ މިދިޔަ އަހަރު ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ބަތަލާ ފިލްމުން ވަކިވީ ޑައިރެކްޓަރު އަމިތު ރާއީއާ ދެމެދު ފިލްމާ ގުޅޭ ގޮތުން އުފެދުނި ހިޔާލު ތަފާތުވުންތަކަކާ ހެދި ކަމަށެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ފިލްމުގެ މަސައްކަތުގައި އެކްޓަރެއްގެ ބޭރުން ރާނީގެ ބައިވެރިވުން އޮންނަން އޭނަ ބޭނުންވެގެން އެ ވާހަކަ ހިއްސާ ކުރުމުން ޑައިރެކްޓަރު އެކަމާ ގަބޫލު ނުވުމުން ރާނީ ފިލްމު ދޫކޮށްލީ ކަމަށެވެ.
އެހެންވެ އޭނަގެ ބަދަލުގައި މަޝްހޫރު އެހެން ބަތަލާ އަކު 'އޯ މައި ގާޑެސް' އަށް ގެންނަން ފިލްމުގެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ނޫހުން ބުންޏެވެ. ނަމަވެސް އަންނަ މަހު މި ފިލްމުގެ ޝޫޓިން ފަށަން ކުރިން ޕްލޭންކޮށްފައި ވަނިކޮށް، ފިލްމުން ރާނީ ވަކިވުމާ ގުޅިގެން އަންނަ މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފެށޭނެކަމާ މެދު މިހާރު އޮތީ ސުވާލު އުފެދިފަ އެވެ.
'އޯ މައި ގާޑެސް' އަކީ އަކްޝޭ އާއި ރާނީ އެކީގައި ބޮޑު ސްކްރީނުން ދެކިލުމުގެ ޝައުގުވެރިކަމުގައި ތިބި ވަރަށް ގިނަ ފޭނުންނަށް އުފާވެރިކަން ގެނެސްދިން ޕްރޮޖެކްޓެކެވެ. އެކަމަކު އޭގެ މަސައްކަތް ނުފެށި އެ އުންމީދު ފެނަކަށްވުމަކީ ޔަގީނުން ވެސް ވަރަށް ގިނަ ބަޔަކަށް ލިބޭނެ ވަރަށް ބޮޑު މާޔޫސީއަކަށް ވާނެ އެވެ.

'އޯ މައި ގާޑެސް' އަކީ އަކްޝޭ މީގެ ކުރިން ވެސް އެކްސްޓެންޑެޑް ކެމިއޯތަކެއްގައި ހިއްސާވެފައިވާ އޯ މައި ގޯޑް (އޯއެމްއެމްޖީ) ގެ ފްރެންޗައިޒްގެ ތިން ވަނަ ބައެވެ. މީގެ ދެވަނަ ބައި 2023 ގައި ވެސް ގެނެސްދިން އަމިތު ޑައިރެޓްކޮށެވެ. މީގެ ފުރަތަމަ ބައި އުމޭޝް ޝުކްލާ ޑައިރެކްޓްކޮށް ގެނެސްދިނީ 2012 ގަ އެވެ.
ރާނީގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި 'މަރުދާނީ 3' އެވެ.