Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

އުމްރާ ގްރޫޕްތަކުގެ ދިފާއުގައި ކުރީގެ މިނިސްޓަރު ޒިޔާދު

ފަހަކަށް އައިސް ރާއްޖޭގެ އުމްރާ ގުރޫޕްތަކަށް މައްސަލަތަކާ ކުރިމަތިލާން ޖެހެނީ ކުރިން ލިބެމުން އައި ބައެއް ލުއިތައް މިހާރު ލިބެން ނެތުމުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަޙްމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެ އެވެ.

އުމްރާއަށް މީހުން ގެންދާ ގުރޫޕްތަކުގެ ލަނޑު ދޭ މައްސަލަތައް ތަކުރާރު ފެންމަތިވަމުން ދަނިކޮށް އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިވީ ދެ އަހަރު ތެރޭގައި ހަތަރު އުމްރާ ގުރޫޕެއްގެ ބޮޑެތި މައްސަލަތައް ފެންމަތިވެފައިވާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ ގްރޫޕްތަކަށް ހުއްދަ ދިނުމުގައި ކުރިން ބަލަމުން އައި އެއް މިންގަނޑަކީ އެ މީހުންގެ މާލީ ތަނަވަސްކަން ކަމަށާއި އެކަން ޔަޤީން ކުރުމަށްޓަކައި ބޭންކު ގެރެންޓީއެއް އޮތުން ކަމަށެވެ. އެކަމަކު މިހާރު އެކަން އޮތީ އުވާލެވިފައި ކަމަށް ވިދާޅުވި އެވެ. އަދި ގުރޫޕްތަކުން ސަޢޫދީ އަރަބިއްޔާ އަށް ފޮނުވަން ޖެހޭ ޓީޓީ ހެދުމުގައި ދިވެހި ބެންކުތަކުން ބެންކް ރޭޓަށް ގުރޫޕްތަކަށް ފައިސާ ދޫކުރަމުންދާ ކަމަށާއި ނަމެވެސް މިހާރު އެކަން ވެސް އޮތީ ހުއްޓާލާފައި ކަމަށް ވިދާޅުވި އެވެ/

"އެއީ ޑޮލަރުގެ ދަތިކަމުގެ ސަބަބުން ކަމަށް ބުނެ. މީގެ ނަތީޖާއަކަށް ވަނީ ގުރޫޕްތަކުން ބޮޑު އަގުގައި ކަޅުބާޒާރުން ޑޮލަރު ގަންނަން ޖެހުން،" ޒިޔާދު ވިދާޅުވި އެވެ. "މިކަމުން ގުރޫޕްތަކަށް މާލީ ގެއްލުންތަކެއް ލިބެމުން ދޭ. މިއީ ދުވަހަކު ވެސް މީގެ ކުރިން ދިވެހި ޢުމްރާ ގުރޫޕްތަކަށް ދިމާވި މައްސަލައެއް ނޫން."

އޭނަ ވިދާލުވީ މި ރަމަޟާން މަހު ޢުމްރާއަށް ދިޔަ ތިނެއް ނުވަތަ ހަތަރު ގުރޫޕަކުން ރާއްޖެއިން ގެންދިޔަ ހުރީހާ ކާބޯތަކެތި ސަޢޫދީއަށް އެތެރެ ނުކުރެވި އުކާލަން ވެސް ޖެހުނު ކަމަށެވެ. އަދި މީގެ ކުރިންވެ ސް މިކަން ގުރޫޕްތަކަށް ދިމާވެފައިވާ ކަމަށް ވިދާޅުވި އެވެ.

"މިދިޔަ ޑިސެމްބަރުގައި ދިވެހި ޢުމްރާވެރިޔަކު ޖިއްދާ އެއާޕޯޓުގައި ތާށިވެ އެތަށް ގަޑި އިރެއް ފަހުން އެ ގުރޫޕް މީހުންގެ ފަރާތުން ވާހަކަ ދައްކައިގެން އޭނަ ނެރެވުނީ. ސަބަބަކީ ޕާސްޕޯޓްގައިވާ ފޮޓޯއާއި، މީހާގެ މިހާރުގެ އަސްލު ސޫރަ ދިމާ ނުވުން، ޒިޔާދު ވިދާޅުވި އެވެ. "މިފަދަ ކަންކަމަކީ ކުރިން ވެސް ދިމާވާ ކަންކަން. އެހެން ނަވެސް އޭރުގެ ދިވެހި ސަރުކާރުގެ އިންތިޒާމުތައް ރަނގަޅު. ދިވެހި އެންބަސީ ސަޢޫދީގައި ހުޅުވި ދުވަހުން ފެށިގެން މިފަދަ ކަންކަމަށް ވަރަށް އެހީތެރިކަން ލިބެމުން ދިޔަ."

އޭނަ ވިދާޅުވީ މީގެ ކުރިން އުމްރާ ގްރޫޕްތަކަށް ދިމާވި މާ އުނދަގޫ މައްސަލަތައް ވަނީ ހައްލުކޮށްފައި ހުންނާނެ ކަމަށެވެ.

"މިހާރު ޖިއްދާގަ ކޮންސިލޭޓް ހުރޭ،ކޮންސިލޭޓްގައި ވެސް އެތައް މުވައްޒަފުންނެއް ތިބޭ އަދި ރިޔާޟުގެ އެންބަސީގަ އެތައް މުވައްޒަފުންނެއް ތިބޭނެ،" ޒިޔާދު ވިދާޅުވި އެވެ. "މިހުރި ހާކަމެއް މިހާރު ފަސޭހަވެފައިވާ އިރު، އެތައް މުވައްޒަފުންނެއް ދިވެހި މިޝަންގައި ތިބޭއިރު ދިވެހިންގެ ކަންކަން ނުބެލި ދިއުމަކީ ހިތާމަ ހުރި ކަމެއް، ޖިއްދާގައި ކޮންސިލޭޓް ހުޅުވުމުގެ މައިގަނޑު ބޭނުމަކީ ވެސް ޢުމްރާވެރިންނަށް ޚިދުމަތް ދިނުން، ކުރިއަށް އޮތް ތަނުގައި މި ކަންކަން ރަގަޅުވާ ކަމަށް ދެކެން."