ޝަރުޢީ އުޒުރަކާ ނުލައި ރަމަޟާން މަހުގެ ރޯދައެއް ދޫކޮށްލައިފި މީހާ، އެވަނީ ބޮޑުވެގެންވާ ފާފައެއްގެ މައްޗަށް އަރައިގަނެފައެވެ. އެފަދަ މީހެއްގެ މައްޗަށް އޮތީ ތައުބާވެ އިސްތިޣުފާރު ކުރުމާއި، އެ ދުވަހުގެ ބާކީ އޮތް ވަގުތު ކެއިންބުއިމުން ދުރުހެލީވެ ހުރުމެވެ. އަދި ރަމަޟާން މަސް ނިމުމުން އެ ރޯދަ ޤަޟާ ކުރަން ޖެހޭނެ އެވެ. އެ މީހަކު އެ ގެއްލުވައިލީ، މުޅި އުމުރު ދުވަހު ސުންނަތް ރޯދަ ހިފިކަމުގައި ވިޔަސް އޭގެ ބަދަލު ނުލިބޭނެ ފަދަ މަތިވެރި ދަރުމައެކެވެ. އެހެނީ ފަރުޟު އަޅުކަމަކާ އެއްވަރުގެ ދަރުމައެއް ސުންނަތް އަޅުކަމަކުން ނުލިބޭނެއެވެ.
ރޯދަ ދޫކޮށްލީ ޖިމާޢުވުމުގެ ސަބަބުން ނަމަ، ރޯދަ ޤަޟާކުރުމާއެކު ކައްފާރާގެ ގޮތުގައި މެދުނުކެނޑި ދެމަސް ދުވަހު ރޯދަ ހިފަން ޖެހޭނެއެވެ. އެކަމަށް ކުޅަދާނަވެގެން ނުވާނަމަ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭން ޖެހޭނެއެވެ.
ނިޔާވިއިރު ރޯދަ ނުހިފި ހުރި މީހާގެ މައްޗަށް އޮތް ދީނީ ހުކުމަކީ ކޮބައިތޯ އެވެ؟
އެ މީހަކު މަރުވީ ރޯދަ ގަޟާކުރުމުގެ ފުރުޞަތު ނުލިބި ކަމުގައިވާނަމަ، އެމީހާގެ މައްޗަށް އެ ރޯދަ ގަޟާކުރުމެއް، ފިދުޔަ ދިނުމެއް ނުވަތަ ފާފައެއް ވެސް ނުވެ އެވެ.
ނަމަވެސް، ރޯދަ ގަޟާކުރުމުގެ ފުރުސަތު ލިބި، އެކަންނުކޮށް ހުއްޓާ މަރުވެއްޖެނަމަ، އެ ދޫކޮށްލި ރޯދަތަކަށް ފިދިޔަ ދިނުން ވާޖިބުވެގެންވެއެވެ. އެގޮތުން، އެމީހަކު ދޫކޮށްފައިވާ މުދަލުން، ކޮންމެ ދުވަހަކަށް މުއްދެއްގެ މިންވަރު (މިސްކީނަކަށް ކާންބޯންދިނުމަށް) ނެރެންޖެހޭނެއެވެ. މީގެ ދަލީލަކީ ތިރްމިޛީ ރިވާކުރެއްވި ހަދީޘްފުޅެކެވެ. ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ.
(مَنْ مَاتَ وَعَلَيْهِ صِيَامُ شَهْرٍ فَلْيُطْعِمُ عَنْهُ مَكَانَ كُلِّ يَوْمٍ مِسْكِيْنًا) (أخرجه الترمذي (٧١٨)، وابن ماجه (١٧٥٧)
މާނައީ: "މަސްދުވަހުގެ ރޯދަ ދޫކޮށްލާފައިވާ މީހަކު މަރުވެއްޖެ ނަމަ، އޭނާގެ ފަރާތުން ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންބޯން ދޭށެވެ."
އަދި އެމީހާގެ ފަރާތުން އޭނާގެ ވަލީވެރިޔާ (ވާރުތަވެރިޔާ) ރޯދަހިފުން ހުއްދަވެގެންވެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ހަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ ސަބަބުންނެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވައިފައިވެ އެވެ.
(مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ.) (أخرجه البخاري (١٩٥٢)، ومسلم (١١٤٧)
"ރޯދަ ދޫކޮށްލާފައިވާ މީހަކު މަރުވެއްޖެނަމަ، އޭނާގެ ފަރާތުން އޭނާގެ ވަލީވެރިޔާ ރޯދަހިފާށެވެ."
މި ހުރިހާ ކަމަކުން އެނގިގެންދަނީ، މަރުވި މީހާގެ ފަރާތުން މިސްކީނުންނަށް ކާންބޯން ދިނުމަކީވެސް އަދި ރޯދަހިފުމަކީ ވެސް ހުއްދަވެގެންވާ ކަންކަމެވެ.
ޤަޟާ ރޯދަ ހިފާއިރު ވިދިވިދިގެން ހިފުން ލާޒިމްވޭތޯ؟
ރޯދަ ދޫވީ އުޒުރަކާ ހުރެ ކަމުގައިވާ ނަމަ، އެންމެ މޮޅުވެގެން ވަނީ ވިދިވިދިގެން ޤަޟާ ރޯދަ ހިފުމެވެ. ނަމަވެސް، އެއްވެސް އުޒުރަކާ ނުލައި ރޯދަ ދޫކޮށްލައިފައިވާ ނަމަ، ވިދިވިދިގެން ހިފުން ވާޖިބުވާނެ އެވެ. އެއީ އެފަދަ ޙާލަތްތަކުގައި ލަސްނުކޮށް އަވަހަށް ރޯދަ ޤަޟާކުރުން ލާޒިމްވާތީއެވެ. ރޯދަ ބަހާލައިގެން ހިފުމަކީ އަވަހަށް ރޯދަ ހިފުމުގެ އުޞޫލާ ޚިލާފު ކަމެކެވެ. އެހެން ނަމަވެސް، އެގޮތަށް ރޯދަ ބަހާލައިގެން (ވަކިވަކިން) ހިފި ނަމަވެސް ރޯދަ ފުރިހަމަވާނެ އެވެ.
ނަދުރު ރޯދައެއް ނުވަތަ ޤަޟާ ރޯދައެއް ހިފަމުން ދަނިކޮށް ރޯދަ ދޫކޮށްލައިފި ނަމަ، ދެން އޮތް ވަގުތު ކެއިންބުއިމުން ދުރުހެލިވެ ހުންނަން ޖެހޭނެތޯ؟
ނަދުރު ރޯދައެއް ނުވަތަ ޤަޟާ ރޯދައެއް ހިފަން ފަށައިފި މީހަކަށް، ޝަރުޢީ އުޒުރަކާ ނުލައި ރޯދަ ދޫކޮށްލުން ހަރާމްވާނެ އެވެ. އެފަދަ އުޒުރަކާ ނުލައި ރޯދަ ދޫކޮށްލައިފި ނަމަ އެމީހަކު ފާފަވެރިވާނެ އެވެ. ނަމަވެސް، އެ ދުވަހުގެ ބާކީ އޮތް ވަގުތު ކެއިންބުއިމުން ދުރުހެލިވެ ހުރުން އެމީހެއްގެ މައްޗަށް ވާޖިބެއް ނޫނެވެ. އެއީ ރޯދަމަހުގެ އިހުތިރާމަށްޓަކައި ކެއިންބުއިމުން ދުރުހެލިވެ ހުންނަން ޖެހެނީ ހަމައެކަނި ރަމަޟާން މަހުގެ ދުވަސްތަކުގައި ކަމަށްވާތީ އެވެ.
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.